ހަބަރު

ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އައިޕީޔޫއަށް ހުށަހަޅައިފި

ޕީޕިއެމް އިން ވަވިވެވަޑައިގަތް ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލަ އިދިކޮޅު ފަރާތްތަކުން އިންޓާ ޕާލިމެންޓަރީ ގްރޫޕް (އައިޕީޔޫ) އަށް ހޫށަހަޅައިފި އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އީސީ އިން ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ގާނޫނުން ބޭރުން އަދި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އައިޕިޔޫއަށް ހުށަހަޅާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ގޮނޑި ގެއްލުވާލި މައްސަލަ އިންޓާ ޕާލިމެންޓަރީ ގްރޫޕްއަށް މިވަނީ ހުށަހަޅާފައި. އެ މެންބަރުންނަށް އިންސަފު ހޯދަން އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީއިން އިއްޔެ އިއުލާން ކުރި މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އީސީން ވަނީ އެ ދާއިރާތަކުގައި ބައި އިލެކްޝަން ބޭއްވުމަށް ވެސް އިއުލާންކޮށްފަ އެވެ.

ހަތަރު މެންބަރުންގެ މައްސަލަ އައިޕީޔޫއަށް ހުށަހަޅާފައިވާ އިރު އެ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާ، ގޮނޑި ނުގެއްލޭ ކަމަށް އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. އެ ހަތަރު މެންބަރުން ވަކިކޮށްފައިވާ އިރު ޕީޕީއެމްއިން އަންނަނީ އެ ޕާޓީން ވަކިވެވަޑައިގަތް އިތުރު ހަ މެންބަރެއްގެ މައްސަލަ އެ ޕާޓީގެ ސުލޫކް ކޮމީޓީން ބަލަމުންނެވެ.