ކުޅިވަރު

ލީގްގެ ކާމިޔާބާއެކު ގްރީންއަށް ތާރީހީ ރެކޯޑެއް

Jul 20, 2017

ގްރީން ސްޓްރީޓުން މާލޭ ލީގް ޗެމްޕިއަންކަން ހޯދީކީ ނޫނެވެ. ނަމަވެސް ފުރަތަމަ ޑިވިޝަނަށް އަލަށް އައި ޓީމަކުން ލީގްގައި ހޯދި އެންމެ ބޮޑު ކާމިޔާބު ހޯދައި، ދިވެހި ފުޓްބޯޅައިގައި ގްރީން ސްޓްރީޓާއި އެ ޓީމުގެ ކޯޗް ސޮބާހް މުހައްމަދު ތާރީހީ ރެކޯޑެއް ގާއިމު ކޮށްފި އެވެ.

މީގެ ކުރިން، ފުރަތަމަ ޑިވިޝަނަށް އަލަށް އައި ޓީމަކުން ލީގްގެ އެއް ވަނައިގައި އޮތް ޓީމާ އެއް އަދަކަށް ޕއޮިންޓް ހޯދައިގެން ލީގް ނިންމާ ލާފައި ނުވެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެ ރެކޯޑް ގްރީން ސްޓްރީޓް ހެދުމާއެކު އެ ޓީމު ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދާފަ އެވެ.

މާޒިޔާ ލީގް ޗެމްޕިއަންކަން ހޯދިއރު، ގްރީން ލީގް ނިންމާލީ، މާޒިޔާއާ އެއް އަދަކަށް ޕޮއިންޓް ހޯދައިގެން ނެވެ. މާޒިޔާއަށް ލީގް ޗެމްޕިއަން ކަން ލިބެނީ، ފައިދާ ގޯލްގައި، ގްރީން އަށް ވުރެ އެއް ލަނޑުގެ ތަފާތުން ކުރި ލިބުމުން ނެވެ. ގްރީން އަށް އިތުރަށް ފައިދާ ދެގޯލް އޮތް ނަމަވެސް، މާޒިޔާ އާއި ނިއު ކުޅުނު މެޗު އެއްވަރު ވެގެން ނިމުމުން، ލީގް ޗެމްޕިއަންކަން ލިބޭނީ ގްރީން އަށެވެ.

ނިއު އަށްވެސް ޕޮއިންޓް ލިބިފައި ވަނީ މާޒިޔާއާ އެއް އަދަދަކަށެވެ. ނިއު އަށް ތިން ވަނަ ލިބެނީ ގޯލްގެ ތަފާތުން ފަހަތުގައި އޮތުމުން ނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރަން ފެށީ ޓީސީ ސްޕޯޓްސްއިން ވެސް ވަނީ ލީގްގެ ދެ ވަނަ ހޯދާފަ އެވެ. ނަމަވެސް އެ ޓީމު ދެ ވަނައިގައި ނިންމާލީ، އެ އަހަރުގެ ޗެމްޕިއަން ނިއު އަށް ވުރެ ހަތަރު ޕޮއިންޓްގެ ފަހަތުން ނެވެ. ނިއު 33 ޕއޮިންޓާއެކު ލީގް ޗެމްޕިއަންކަން ހޯދިއިރު ޓީސީއަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ޓްރާންސްފާ ޕީރިއަޑް މިހާރު ފެށިފައިވުމައެކު، ގްރީން އިން ދަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.