ހަބަރު

ގޭންގް މާރާމާރީގެ ތުހުމަތު ކުރެވުނު ބޭފުޅަކު ރިޔާސީ ކޮމިޝަންގައި

Jul 21, 2017
2

ގޭންގް މާރާމާރީއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ފުލުހުން މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީގެ އޮފީހަށް މީގެ ކުރިން މައްސަލަ ފޮނުވާފައިވާ ގ ރޭނިސް، މުހައްމަދު ސަލީމް ރައީސް އަބްދުﷲ ޔާމީން އިއްޔެ އުފެއްދެވި ރިޔާސީ ކޮމިޝަން، އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދުގެ ރައީސްކަމުގައި އެމަނިކުފާނުގެ ފަރާތުން ޖޭއެސްސީގައި ހުންނަވާ މެންބަރެއްގެ ގޮތުގައި ސަލީމް ހުންނަވަނިކޮށް 18 ޖޫން 2013 ގައި އޭނާ މެންބަރުކަމުން ވަކިކުރީ، މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގްތަކުން ހިންގާ މާރާމާރީތަކާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށުމާ ގުޅިގެން އެވެ. ފުލުހުން އޭރު ހާމަކޮށްފައިވާ ގޮތުގައި ސަލީމްއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރީ ދައްކަންޖެހޭ ފައިސާތަކެއް ހުރިކަމަށް ބުނެ އެކި ދުވަސް މަތިން ގޭންގެއް ބޭނުންކޮށްގެން ދެ މީހަކަށް ބިރުދައްކައި، އެމީހުންގެ މުދާ ފޭރިގަނެ، މަޖުބޫރުން ތަންތަނަށް ގެންގޮސް އެމީހުންގެ މުދަލަށް ގެއްލުންދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގައި ސަލީމްއާ އެކު ދައުވާ ކުރުމަށް 30 ޖޫން 2013 ގައި ފުލުހުން ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވީ ޑރ. އަފްރާޝިލް މަރާލުމަށް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ ހ. ހިލްޓަން، އަޒްލިފް ރައޫފް އާއި ސ. މީދޫ، އިރާކް، މުޙައްމަދު ހާމިދު އާއި، ހއ. ދިއްދޫ، އޯޓަމްވާދީ، އުބައިދުﷲ ސައީދު އަދި ގ. މޫންލައިޓްވިޔު، އަބްދުﷲ އުނައިސްގެ މައްޗަށެވެ. ޕީޖީ އޮފީހުގެ ބަހެއް ނުލިބޭތީ އެ މައްސަލައަށް މިހާރު އޮތް ހިސާބުގެ ތަފްސީލެއް ނޭނގެ އެވެ.

އެހެން ނަމަވެސް، 18 ސެޕްޓެމްބަރު 2013 ގައި ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ސަލީމްގެ މައްޗަށް ދައުވާ ކުރުން ލަހެއް ނުކުރާނެ އެވެ. އަދި އެ މައްސަލައިގައި ދައުވާ އުފުލުމަށް އޭރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ކަމަށް ވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެ އެވެ.

އެހެން ނަމަވެސް ސަލީމް އެދުވަސްވަރު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ ގޭންގްތަކާ އެއްވެސް ވަރެއްގެ ގުޅުމެއް ނުބާއްވާ ކަމަށާއި އެފަދަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ބަޔަކު ކުރަނީ ޖޭއެސްސީގައި އޭނާ އަދާކުރުމުން އަންނަ ދައުރަށް ހުރަސްއެޅުމުގެ ގޮތުން ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

"އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް މިފަދަ ދަނޑިވަޅެއްގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެ. ފުލުހުން މިއަދު ތުހުމަތުކުރި އެއްވެސް ކަމެއްގެ މައުލޫމާތެއް އަޅުގަނޑަކަށް ނޭނގޭ،" ސަލީމް އޭރު މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ. ""އަޅުގަނޑު ފުލުހަށް ހާޒިރުކުރީ ސިޔާސީ ކަމެއްގެ ތެރެއަށް އަޅުގަނޑު ވައްދަންވެގެން. ފުލުހުންނަށް އަޅުގަނޑު ކިޔައިދީފިން މިފަދަ އެއްވެސް ބަޔަކާއި އަޅުނގަޑާއި ގުޅުމެއް ނުވާނެކަން. މިއީ ސިޔާސީ ގޮތުން ބަޔަކު އަޅުގަނޑާ ދިމާލަށް ގާއުކުން."

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރާ މީހަކު ނޫނީ ކުށުގެ އަހުލުވެރިއަކު ރައީސް އެއްވެސް މަގާމަކަށް އައްޔަން ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ރަނގަޅަށް ބެލުމަށް ފަހު ކަމަށް އެންމެ ގާބިލް ބޭފުޅުން ކަމަށް ވެސް ސްޕޯކްސްޕާސަން ވިދާޅުވި އެވެ.