ހަބަރު

ޖޭޕީގެ މެންބަރުން އެނބުރި އައުމަށް މުއްދަތު ދެނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވި މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކޮށް ޕީޕީއެމާ ގުޅި ވަޑައިގެންނެވި މެންބަރުން އަލުން ޕާޓީއާ އަލުން ގުޅުމަށާއި އަލުން ނުގުޅިއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޖޭޕީގެ ކައުންސިލް ބައްދަލުވުމުން ރޭ ނިންމާފައިވާ ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީ ބަދަލުކޮށް ޕީޕީއެމާ ގުޅުނު މެންބަރުންނަށް އެ ޕާޓީއަށް އަލުން އަނބުރާ އައުމަށް ފުރުސަތުދޭން ނިންމާފައިވާ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި އެނބުރި ޕާޓީއަށް ނުގުޅިއްޖެނަމަ ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓިއަަށް އެނބުރި އައުމަށް މެންބަރުންނަށް ދެވެނީ ރަނގަޅު ފުރުސަތެއް ކަމަށާއި ފުރުސަތުގެ ބޭނުން ހިފުމަށްވެސް އޭނާ އެދި ވަޑައިގެންނެވި އެވެ.

"މި ދެވެނީ ފުރުސަތެއް އަލުން ޕާޓީއާ ގުޅުމަށް. ނުގުޅިއްޖެ ނަމަ ކޮމެޓީން ނިންމާފައިވަނީ ފިޔަވަޅު އެޅުމަށް. އެހެންވެސް ކަންތައްތައް ވަމުންދާ ގޮތަށް އެ މެންބަރުންނަށްވެސް ކަންތައްތައް ވުން އެކަށީގެންވޭ." ސޯލިހު ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުން ޕާޓީއަށް އަނބުރާ އައުމަށް މެންބަރުންނަށް ފުރުސަތު ދީފައިވާ ނަމަވެސް އަލުން ގުޅުމަށް ދީފައިވަނީ ކިހާ މުއްދަތެއްކަމެއް ނުބުނެ އެވެ.

ޖޭޕީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް އިންތިހާބު ވުމަށްފަހު ޕާޓީ ބަދަލުކޮށް މިހާރު ގޮނޑީގައި ތިއްބެވި މެންބަރުންނަކީ މިލަންދޫ ދާއިރާގެ ހަސަން މުފީދާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު އެވެ.

ޖޭޕީން މެންބަރުން އަލުން ގުޅުމަށް މުއްދަތެއްދޭން ނިންމާފައިވާ އިރު ޕީޕީއެމުން ވަނީ އެޕާޓީއާ އަލުން ގުޅެއްދިން މުއްދަތުގައި ނުގުޅުނު މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވަކި ކޮށްފަ އެވެ. އެ މެންބަރުންނަކީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.