ޕީޕީއެމްގެ އިސް ބޭފުޅުން ތުލުސްދޫ ދާއިރާގެ މެންބަރުންނާއި ބައްދަލު ކުރަން މިއަދު ދަތުރު ފަށައިފި އެވެ. މި ދަތުރު ފެށިއިރު ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރައްވަމުން ވަޑައިގެންނެވި މުހައްމަދު ވަހީދު އިބްރާހިމްގެ ގޮނޑި ވަނީ ގެއްލިފަ އެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވީ އެ ދަތުރަކީ ޕީޖީ ގްރޫޕުން ރޯދައިގެ ފަހުން ކުރަން ހަމަ ޖެހިފައިވާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރެއް ކަމަށާއި އެދާއިރާގެ މެންބަރު ކަމުގެ ގޮނޑި ހުސްވެ ބައި އިލެކްޝަން އިއުލާންކުރި ދުވަސްވަރާ ދިމާވުމަކީ އިއްތިފާގެއް ކަމަށެވެ.
ނިހާނު ވިދާޅުވީ އެ ދަތުރުގައި އެދާއިރާގެ ބައި އިލެކްޝަނާއި ގުޅޭ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށާއި އިންތިހާބުގެ ދަތުރުތައް ރާވައި ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއަދު އެކަނިވެސް ޕީޕީއެމްގެ ވަފުދެއް ރ. އަތޮޅާއި ހއ. އަތޮޅުގެ ރަށްތަކަށް ވެސް ވަނީ ދަތުރު ފަށާފަ އެވެ.
"މި ދަތުރަކީ ހަމައެކަނި އެދާއިރާގެ ޕީޕީއެމް މެންބަރުންނާ ބައްދަލުކުރުމަށް ކުރާ ދަތުރެއް. މި ދަތުރުގައި ބައި އިލެކްޝަންގެ އެއްވެސް ހަރަކާތެއް ހިންގުމަށް ހަމަޖެހިފައެއް ނުވޭ. އިންތިހާބުގެ ދަތުރުތައް ރާވައި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދާނަން. މިއަދުގެ ދަތުރަކީ ވަކި ބޭފުޅަކު އެދާއިރާއަށް ހޮވަން ކުރާ ދަތުރެއް ނޫން." ނިހާނު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރުންނާއި ބައްދަލު ކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން ޕީޕީއެމްގެ ބައެއް ބޭފުޅުން ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާއިރު މިހާތަނަށް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރެއްވި މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވަމުން ގެންދަވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށެވެ.