ރާއްޖެ ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް ކުޑަހުވަދޫ ކާމިޔާބު ކޮށްފި

Jul 22, 2017

ފައިނަލުގައި، ގދ. ތިނަދޫގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫ ހޯދައިފި އެވެ.

ނިއުރޭޑިއަންޓަށް، ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބު ކޮށް ދިން، ކޯޗް މުހައްމަދު ޝިޔާޒުގެ (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅުނު ކުޑަހުވަދޫ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ތިނަދޫގެ ގޯލަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް ފޮނުވާލާފަ އެވެ.

މެޗު ފެށިގެން 19 ވަނަ މިނެޓްގައި، ކުޑަހުވަދޫއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، އިރުފާން އާދަމް ނަސީރެވެ.

ފުރަތަމަ ހާފަުގައިވެސް، ތިނަދޫގެ ބިދޭސީ ފޯވަޑް އިޒެގްއޭރޯ އެލަން ވަނީ ނުރައްކާތެރި ބޯޅަތަކެއް ކުޑަހުވަދޫގެ ގޯލަށް އަމާޒުކޮށް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ. ދެ ވަނަ ހާފުގައި އޭނާ އަށް ދެތިން ބޯޅަ އެއް ލިބުނު ނަމަވެސް އެ ބޯޅަތައް ގޯލައާ އަމާޒު ކުރެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި، ކުޑަހުވަދޫ ޓީމުން ވަނީ ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމަށް އެ ގޭމް ކުޅުމުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ފަހުން ވަނީ ގޭމް ކުރީގެ ސްޓައިލަށް އަނބުރާލާފަ އެވެ.

ކުޑަހުވަދޫގެ އާދަމް ޝަހީމް ވަނީ ހިތްގައިމު ބޯޅަތަކެއް ތިނަދޫ އޭރިއާ ތެރެއަށް ނަގައިދިފަ އެވެ. ނަމަވެސް އެ ބޯޅަތައް އެދެވޭ ގޮތުގައި ބޭނުމެއް ނުކުރެވުނެވެ. ކުޑަހުވަދޫގެ ދެ ވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެފޯނިއާ ޖިބޯލާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ، ކާމިޔާބަކީ ގިނަދުވަސްތަކެއްގެ މަސައްކަތް ކަމަށާއި މެޗުގައި ފެނިގެން ދިޔަ ކޮންމެ ކަމަކީ އެތައްފަހަރަކު ޕްރެކްޓިހުގައި މަސައްކަތް ކޮށްގެން ކުރި ކަންތައް ކަމަށެވެ.

"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރީތި ގޭމެއް، އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް، ކޮންމެ ކަމަކީ އެތައްފަހަރަކު ބުނެދީގެން ޕްރެކްޓިސް ކޮށްގެން ކުރި ކަންތައް." މޯހަން ބުންޏެވެ.

މި ކާމިޔާބާއެކު، ކުޑަހުވަދޫ ދެން ކުރިމަތި ލާނީ، ދިވެހި ޕްރިމިއާ ލީގަށެވެ. މޯހަން ބުނީ، މިނިވަން ޗެމްޕިއަންޝިޕާ ހަމަޔަށް އޭނާގެ އެއްބސްވުން ހަމަވެފައިވާ ކަމަށާއި ދިވެހި ލީގާ މދުވެސް އަދި ޓީމުގައި ހުރުމާ މެދުވެސް ގޮތެއް ނިންމާނީ ދެތިން ދުވަހުގެ ބްރޭކަކަށް ފަހު ކަމަށެވެ.