ކުޅިވަރު

މީ ކޯޗިން ކެރިއާގައި ކުރި އެންމެ ބުރަ މަސައްކަތް

Jul 22, 2017
1

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ދ. ކުޑަހުވަދޫ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވުނު މަސައްކަތަކީ އޭނާގެ ކޯޗިން ކެރިއާގައި ކުރި އެންމެ ބުރަ މަސައްކަތް ކަމަށް، މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ރޭ، ގދ. ތިނަދޫގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދި މެޗަށް ފަހު މޯހަން ބުނީ، އާއިލާ އާއި ދުރުގައި ރަށުން ބޭރުގައި ހުރެ މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"ހަގީގަތުގައި މިއީ ވަރަށް އުނދަގޫ އެހެންކަހަލަ މަސައްކަތެއް،" ޒޯން ޗެމްޕިއަން ލީގް ފުޓްބޯޅަ މުބާރާތުގައި ހއ. ކެލާއަށް ވެސް ކޯޗް ކޮށްދިން މޯހަން ބުންޏެވެ. "އެންމެ ފުރަތަމަ ކަމަކީ އާއިލާ އާ ދުރުގައި އެހާ ގިނަ ދުވަހު އުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވޭ، ދަރިފުޅެއް ވެސް ހުރުމާއެކު ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނީ.

މާލޭ އާ އަޅާބަލާއިރު އަތޮޅު ތަކުގެ ކުޅިވަރު ވަސީލަތްތައް ތަފާތު ވުމަކީ އުނދަގޫ ތަކެއް ކުރިމަތި ވާނެ ކަމެކެވެ. މޯހަން ބުނީ ދަނޑުގެ މައްސަލަ ފިޔަވައި އެހެން ހުރިހާ އިންތިޒަމުތަކެއް ހުރީ ފުރަތަމަ ޑިވިޝަން ޓީމަކަށް ވުރެވެސް ފުރިހަމަ ކޮށް ކަމަށެވެ.

"އެހެން ހުރިހާ ކަމެއް ރާއްޖޭގެ ފަސްޓް ޑިވިޝަން ކުލަބަކަށް ވުރެވެސް ފުރިހަމައޭ ދެންނެވިއަސް ހަގީގަތުގައި ގޯހަކަށް ނުވާނެ، ތިޔަ ބޭފުޅުން ވެސް ގޮސް ބަލާލިއްޔާ އެނގޭނީ ވަރަށް ވެސް ފުރިހަމަ ހުރިހާ ކަމެއްވެސް ވަރަށް އޮގަނައިޒް އަޅުގަނޑު ބޭނުންވާ ކޮންމެ ކަމެއް އެމީހުންނަށް ކޮށްދެވޭ އެންމެ ފެންވަރުގައި ކޮށްދޭ އެ ކަންތައްތަކަށް ބަލާއިރު ވަރަށް ވަރަށް ރަނގަޅު،" ނިއުރޭޑިއަންޓަށް ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބު ކޮށްދިން ކޯޗް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ތަޖުރިބާކަރު ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ، މޯހަން ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފުޓްބޯޅައިގެ ޕެޝަން ހުރެގެން ކުޅޭ ކުޅުންތެރިންތަކެއް އޭނާ އަށް ލިބުން ކަމަށާއި މޮޅުވާން ބޭނުންވެގެން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރާ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. ފުޓްބޯޅައިގެ ހުނަރު ހުރި ނަމަވެސް ވަކި ގޭމް ޕްލޭނަކަށް ފައްތައިގެން ކުޅުމަށް ކުރަން ޖެހޭ މަސައްކަތުގެ ބުރަކަން މޯހަން ހިއްސާ ކުރި އެވެ.

"ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހުނީ ދިޔަ އިރު އޮތް ޓީމުގެ ހާލަތާއި، މި ހިސާބަށް އައިއިރުގެ ހާލަތާއި މިހާރު ވަރަށް ބޮޑުތަން ތަފާތު ވާނެ، އެއީ ކުޅުންތެރިން އަޑު އަހައިގެން އެ ކުޅުންތެރިން އަހްލާގް ރަނގަޅު ކަމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ހަގީގަތުގައި (ރޭ) ގަލޮޅު ދަނޑުން ފެނިގެން ދިޔައީ، "ވަރަށް ރީތި ފުޓްބޯޅައެއް (ރޭ) ގެ މެޗުގައި ތިޔަބޭފުޅުންނަށް ފެނިފައި ވާނީ އެއީ ހަމަ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ،" ރާއްޖޭއިން ބޭރުގައި ވެސް ކޯޗިން ކޯސްތަކުގައި ކިޔަވައިދީފައިވާ މޯހަން ބުންޏެވެ.

ކުޑަހުވަދޫ ޓީމު އަތުން ބޯޅަ ގެއްލުމުންވެސް އެ ޓީމުގެ ކުޅުންތެރިން ގޭމް ސްޓައިލް ތަފާތު ކޮށްލައެވެ. ބޯޅަ ގެއްލުމުން ޕްރެސްކޮށްގެން ކުޅެ، ތިނަދޫ ޓީމުގެ ފޯވަޑުންނަށް ފަހަތުން ލިބޭ ޖާގަތައް ބަންދު ކޮށްލަ އެވެ. ނަތީޖާ އަކަށްވީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ތިނަދޫ ޓީމަށް ފަހި ވާ ގޮތް ނުވުމެވެ. އަދި ބޯޅަ ހޯދައިން ކުޑަހުވަދޫ ޓީމުން ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތުތައް އެޓީމުގެ ފޯވަޑުންނަށް ތަނަވަސް ކޮށް ދީފަ އެވެ.

"މި ހުރިހާ ކަމަކީވެސް ހަމަ ކުއްލިއަކަށް ދަނޑަށް އަރާފަ ވާ ކަމެއް ނޫން، މިއީ ތިން މަހާއި ބައި ގާތްގަނަޑކަށް ހަތަރު މަހުގެ މަސައްކަތް، ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ހަމަ ޕްރެކްޓިހުގައި ދަނޑުމަތީގައި ހުއްޓައިގެން ހުރެގެން އެތައްފަހަރަކު މި އެއްޗިހި ކިޔައިދީ ކިޔައިދީ ކުރި މަސައްކަތް ދަނޑުން ތި ފެނިގެން ދަނީ، ބޯޅަ ގެއްލުނީމާ ކިހިނެއްތޯ ހަދަން ޖެހޭނީ ކީއްތޯ ކުރަން ޖެހޭނީ ކޮން ކުޅުންތެރިޔެއް ކޮން ތަނަކަށް ތޯ ދާން ޖެހޭނީ، ލިބުނީމަ ކުރަން ޖެހޭ ކަންތަކާ ބޭނުންވާ ގޮތަކާއި އެޓޭކް ކޮށް ކުޅޭނެ ސްޓައިލަކާ ސިސްޓަމަކާ މި ހުރިހާ އެއްޗަކީ ވަރަށް ގިނަ ދުވަހުގެ ޕްރެކްޓިސް، ޕްރެކްޓިހުގެ ނަތީޖާއޭ އަޅުގަނޑު ދަންނަވާނީ އެގޮތަށް ކުޅުންތެރިންގެ ފަރާތުން އެ މަސައްކަތް ފެނިގެން އެދިޔައީ އެހާ ފިޓްކޮށް ކުޅުންތެރިން ފެނިގެން ދިޔައީވެސް ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރެވިފައި ހުރީމަ."

މިނިވަން ޗެމްޕިއަންޝިޕަށް ފަހު ކުޑަހުވަދޫއަށްވެސް ދެން އޮތީ ދިވެހި ޕްރިމިއާ ލީގެވެ. ނަމަވެސް އޭނާ ބުނީ، މިނިވަން ޗެމްޕިއަންޝިޕްގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށާއި އިތުރަށް ވިސްނާލަނީ ދެ ދުވަހު އަރާމް ކޮށްލަން ވަގުތު ކޮޅެއް ހޭދަ ކުރުމަށް ފަހު ގައި ކަމަށެވެ.