ކުޅިވަރު

ޓޫކިލޯ އަލުން ފުރަތަމަ ޑިވިޝަނަށް

ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ، އއ. ތޮއްޑޫ މުހްތާރު ނަސީރު (ޓޫކިލޯ) އަލުން ފުރަތަމަ ޑިވިޝަންގައި ކުޅެން ތައްޔާރު ވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި، ކުލަބު ގްރީން ސްޓްރީޓުން ވަނީ ޓުކިލޯ ގެނައުމަށް، އޭނާ އާ އެކު އަނގަ ބަހުން އެއްބަސް ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނިމޭ ޓްރާންސްފާގެ ކުރިން، ގްރީން އިން ދަނީ ޓޫކިލޯއާ އެކު އެއްބަސް ވުމަކަށް އައުމަށް މަސައްކަތް ކުރަމުން ނެވެ.

ދެހާސް އަށް ވަނަ އަހަރު ރާއްޖެ އާއި އަވަށްޓެރި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ލަންކާގެ ކޮލަމްބޯގެ މަޝްހޫރު ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި، މެޗުގެ ހަމައެކަނި ލަނޑު ޓޫކިލޯ ކާމިޔާބު ކުރީ، ކޯނަރަކުން ރީބައުންސް ވެގެން އައި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ބާރު އުންޑައެއް ހެން އިންޑިއާގެ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

އެއީ ރާއްޖޭގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ޝަރަފުވެރި އެއް ލަނޑެވެ. އެ ކާމިޔާބައެކު ބައެއް މީޑިއާތަކުން ސިފަ ކުރާ، ދިވެހި ގޯލްޑަން ބޯއީ އަކީ ޓޫކިލޯ އެވެ. އޭނާ ވަނީ އެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

ޓޫކިލޯ އެންމެ ފަހުން ކުޅުނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމަށެވެ. ދެހާސް ތޭރަ ވަނަ އަހަރު ޓޫކިލޯ ވަނީ ގައުމީ ތީމަށް ކުޅުން ހުއްޓާލާފަ އެވެ. އޭގެ ފަހުން ފުރަތަމަ ޑިވިޗަން ޓީމުތަކަށްވެސް އޭނަ ކުޅެފަ އެއް ނުވެ އެވެ. ޓުކިލޯ ފުޓްބޯޅައިގެ ތެރެއަށް ނެރެ ދިނީ، ކުލަބު ވެލެންސިއާގެ މިހަރުގެ ޓެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ. ޒޯން މުބާރާތުގައި އއ. ރަސްދޫ ޓީމަށް ހީނަ ކޯޗް ކޮށްދިން އިރު، ކުޑަ ހީނާ ވަނީ ރަސްދޫ ޓީމަށް ޓޫކިލޯ ގެނެސް އޭނަގެ ފެންވަރު ސާބިތު ކޯށްދީފަ އެވެ.

އޭގެ ފަހުންވެސް ވެލެންސިއާ ޓޫކިލޯ ގުޅުނީ ކުޑަހީނާގެ ލަފާގެ މަތިން ނެވެ.