ވިޔަފާރި

ހިލޭ ގެސްޓްހައުސްތައް އިޝްތިހާރު ކޮށްދެނީ

މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށް ދާ ގެސްޓްހައުސްތަށް ދުނިޔޭގެ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގައި ހިލޭ އިޝްތިހާރު ކުރަން ފުރުސަތު ދޭނެ ކަމަށް ފެއާ އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސު ބޭއްވި ކުންފުނިން ބުނި ގޮތުގައި ސެޕްޓެމްބަރު މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސް ބާއްވާއިރު މި އަހަރު މި ކޮންފަރެންސަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ 50 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުން އަންނާނެ ކަމަށެވެ. މި ކޮންފަރެންސުގައި 200 ގެސްޓްހައުސް ބައިވެރި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މި އަހަރު ހާއްސަ ކަމަކީ ގެސްޓްހައުސްތައް ކޮންފަރެންސަށް އައިސް ރަޖިސްޓްރީ ކުރުމުން ދުނިޔޭގެ ބޮޑު 10 ފެއާއެއްގައި އިޝްތިހާރު ކުރަން ލިބޭ ފުރުސަތު. މި ފުރުސަތު މިދެނީ ގެސްޓްހައުސް މެގަޒިން މެދުވެރިކޮށް. މެގަޒިންގައި އިޝްތިހާރު ކުރުން ހިލޭ،" މޯލްޑިވްސް ގެޓްވޭސްއިން ބުނެފައިވެ އެވެ.

ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވާ ފެއާތަކުގެ ތެރޭގައި އައިޓީބީ އާއި ޑަބްލިއުޓީއެމްއަދި އިންޑިޔާގެ އޯޓީއެމް އާއި އެރެބިއަން ޓްރެވަލް މާޓު ފަދަ ފެއާތައް ހިމެނެ އެވެ. މި ފެއާތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުން މެގަޒިން 5،000 އަށްވުރެ ގިނަ އެޖެންޓުންނަށް މައުލޫމާތު ލިބިގެންދާނެ އެވެ.

ރާއްޖޭގައި ތަރައްގީވެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް ގެސްޓްހައުސް ކޮންފަރެންސެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި ކޮންފަރެންސުގައި 150 ގެސްޓްހައުސް ބައިވެރިވެފައިވެ އެވެ.