ކުޅިވަރު

ކޮލިފިކޭޝަންގައި ނުކުޅެން ޒެފްރޯލް އާއި ކުޑަހެންވެރުން ނިންމައިފި

Jul 23, 2017
5

އަންނަ މަހު އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މާލޭ ލީގްގެ ކޮލިފިކޭޝަން މުބާރާތުގައި ވާދަ ނުކުރަން، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކުލަބު ޒެފްރޯލް އާއި ރަނަރަފުކުޑަހެންވޭރުންޔުނައިޓަޑުން ނިންމައިފި އެވެ.

އެ ދެ ކުލަބުން ވެސް ވަނީ، ކޮލިފިކޭޝަން މުބާރާތުގައި ވާދަ ނުކުރަން ނިންމާފައިވާކަން ހާމަކޮށް މިއަދު އެފްއޭއެމްއަށް ސިޓީ ހުށަހަޅާފަ އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޒެފްރޯލްގެ ރައީސް މުއާޒު ރަޝީދު ވިދާޅުވީ، ކޮލިފިކޭޝަން މުބާރާތުގައި ވާދަ ނުކުރަން ނިންމީ ކުލަބު މާލީ ހާލަތު ހުރި ގޮތުން، އިތުރު މުބާރާތެއް ކުޅެ، ކުޅުންތެރިންނަށް މުސާރަ ދެވޭނެ ފެންވަރު ކުލަބުގައި ނެތުމުން ކަމަށެވެ.

"ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ޑިވިޝަން ހަތަރު ޓީމަށްވެސް ދެ މިލިއަން ރުފިޔާ ލިބިގެންދޭ، ނަމަވެސް އަޅުގަނޑުމެންނަށް [ދެ ވަނަ ޑިވިޝަން] ކުލަބުތަކަށް މި ލިބެނީ 500000 ރުފިޔާ އެއީވެސް ހަމައެކަނި ދެ ވަނަ ޑިވިޝަން މުބާރާތަށް، އިތުރު މުބާރާތަކަށް ކުޅުންތެރިންނަށް މުސާރަ ދިގެން ގެންގުޅެވޭ ފެންވަރެއް ނެތް."

ޒެފްރޯލްއަށް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗް، އަހްމަދު ނާޝިދު (ނާދު) ބުނީ، ދެ ވަނަ ޑިވިޝަން މުބާރާތް ނިމުނު ތަނުން، ކޮލިފިކޭޝަން މުބާރާތް ކުޅެން ޖެހުނު ނަމަ ފުރަތަމަ ޑިވިޝަން ޓީމުތަކާ ރަނގަޅު ފައިޓެއް ދެ ވޭނެ ކަމަށެވެ.

"އެއްވެސް މެޗެއް ކުޅެން ފުރުސަތު ނުލިބި ދެ މަސް ފާއިތުވެގެން މިދިޔައީ، ނަމަވެސް ފުރަތަމަ ޑިވިޝަން ޓީމުތައް ކޮލިފިކޭޝަން މުބާރާތަށް އަންނާނީ ވަރުގަދަ މުބާރާތެއްގައި ވަރުގަދަ މެޗުތަކެއް ކުޅުމަށްފަހު،" ކުރިން ވިކްޓަރީގެ ކޯޗުކަން ވެސް ކުރި ނާދު ބުންޏެވެ. ދެ މަސް ވަންދެން މެޗެއް ނުކުޅެ އޮތް ޓީމަކުން، ވަރުގަދަ މެޗުތަކެއް ކުޅެމަށް ފަހު އަންނަ ފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިނުމަކީ އުނދަގޫ ކަމަކަށް ވާނެ."

ކުޑަ ހެންވޭރުގެ ޔުނައިޓަޑްގެ ރައީސް އިބްރާހިމް އަލީފް ރަޝީދު ވިދާޅުވީ މުބާރާތުގައި ވާދަ ނުކުރަން ނިންމީ އެފްއޭއެމްއާ އެކު މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި މުބާރާތުގައި ވާދަ ކުރުމުގެ ފެންވަރު އެ ޓީމުގައި ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަމަ އެކަނި ފުޓްބޯޅައަށް ހާއްސަވެފައި އޮތް ކުލަބެއް ނޫން ބާސެކްޓް ގައިވެސް އަދި އެހެން ގިނަ ކުޅިވަރުތަކުގައިވެސް ވާދަ ކުރަން، މާލީ ގޮތުން އަޅުގަނޑުމެންގެ ކިބައިގައި ނެތް ފެންވަރެއް، އިތުރު މުބާރާތަކަށް ކުޅުންތެރިންނަށް މުސާރަ ދީގެން ގެންގުޅެވޭނެ ތަނަވަސްކަން ކުލަބު ގައި ނެތް." އަލީފް ވިދާޅުވި އެވެ.

ކޮލިފިކޭޝަން މުބާރާތުގައި ފުރަތަމަ ޑިވިޝަނުން ވާދަ ކުރާނީ، ނިމިގެން ދިޔަ މާލޭ ލީގްގެ ގަދަ ހަތަރުން ޖާގަ ނުލިބުނު ހަތަރު ޓީމެވެ. ކޮލިފިކޭޝަން ކުޅޭނީ އެ ހަތަރު ޓީމާއެކު ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމާއެކު ޖުމުލަ ހަ ޓީމުގެ މެދުގަ އެވެ. ކޮލިފިކޭޝަން މުބާރާތުގައި ވާދަ ނުކުރަން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފު މި ވަނީ ނިންމާފަ އެވެ. ސުވާލަކީ މާލޭ ލީގް ކޮލިފިކޭޝަން މުބާރާތަށް ދެން ވާނީ ކިހިނެތްތޯ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އެ ދެކުލަބު ހުށަހަލާފައިވާ ހުށަހެޅުމަށް ބަލައި އެކަމާ ބެހޭގޮތުން މިއަދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.