ކުޅިވަރު

އެފްއޭއެމްގައި ހިމެނޭ މަޖިލިހުގެ ތިން މެންބަރަކު ވަކި ކޮށްފި

Jul 23, 2017
އަލީ އުމަރު އެފްއޭއެމްގެ އެކްސްކޯ އަށް

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ކަނޑައެޅިފައިވާ މިންވަރަށް، ޖެހިޖެހިގެން ހަ ޖަލްސާއަށް ވަޑައި ނުގަންނަވާ ކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވަކި ކޮށްފި އެވެ.

އެ ތިން މެންބަރުންނަކީ، މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހްދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދެވެ. އެ ތިން މެންބަރުން ނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރުގައި ސޮއި ކުރި ތިން މެންބަރުން ނެވެ.

އެފްއޭއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ އެކްސްކޯއިން އެ ތިންެ މެންބަރުން ވަކި ކުރުމަށް، އެކްސްކޯގެ ބައްދަލުވުމުން ފާސް ކުރީ، އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުންތަކުގައި ބައިވެރިވުމުގައި އެ މެންބަރުންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާތީ ކަމަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވަނީ އަސާސީ ގަވައިދުގެ އާޓިކަލް (ށ) ގެ (33) ވަނަ މާއްދާގެ (9) ވަނަ ނަންބަރުގައި އެކްސްކޯ މެންބަރުން ޖެހިޖެހިގެން ހަ ބައްދަލުވުމަށް ވަޑައިނުގެން ފިނަމަ އެ ހާލަތަކީ މަގާމު ގެއްލޭ ހާލަތެއް ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު 20 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި، އޭނާ ވަނީ މަޖިޅިހުގެ ހަ މެންބަރަކު ހިމަނާފައެވެ. އޭގެ ތެރެއިން، ބައްސާމްގެ ސީނިއާ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު، ވަނީ ފުޓްބޯޅައިގެ ފަރާތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ޖަނަވަރީ މަހު އެކްސްކޯއިން އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭނާގެ ބަދަލުގައި އެފްއޭއެމްގެ ސީނިއާ ނައިބުރައީސްއަކަށް ހަމަޖައްސައި، ފެބްރުއަރީ މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރުހުން ދީފައި ވަނީ، ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހްމަދު ޝަކީބު (ޑޮކް) އަށެވެ.

މިހާރު ބައްސާމްގެ އެކްސްކޯގައި ހިމެނެނީ މަޖިލީހުގެ ދެ މެންބަރުން ނެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އެވެ. ވަކި ކުރި މެންބަރުންގެ ބަދަލުގައި، އޭގެ ތެރެއިން އެއް މަގާމަށް އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރު ވަނީ ހަމަޖައްސައި އެކްސްކޯއިން ފާސް ކޮށްފަ އެވެ. ނަމަވެސް އަލީ އުމަރުއަށް އެފްއޭއެމްގެ ކޮންގްރެސްގެ ރުހުން އޮތްތޯ، ކޮންގްރެސްގައި ހުށަހަޅާން ޖެހޭނެ އެވެ.