ހަބަރު

ހުކުމް ތަންފީޒު ކުރާ މީހުން ނުގަވާއިދުން ދޭ މައުލޫމާތު ޝާއިއު ނުކުރަންް އިލްތިމާސްކޮށްފި

ޖަލު ހުކުމެއް ތަންފީޒުކުރާ މީހުން ނުގަވާއިދުން މީޑީއާތަކަށް ދޭ މައުލޫމާތު ޝާއިއު ނުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިލްތިމާސްކޮށްފި އެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރުޢީ ހުކުމެއް އައިސްފައިވާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަންވާނީ އެކަމާގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުން ދޭ މައުލޫމާތު ތަކަކީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދޭ މައުލޫމާތުތަކެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖަލު ހުކުމް އައިސްފައިވާ ފަރާތްތަކުގެ ތެރެއިން ކަރެކްޝަނަލް ސާވިސް އާ ހަވާލުނުވެ ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް އައުމަށް އެދޭ ކަމަށެވެ.

ކަރެކްޝަން އިން މިގޮތަށް އިލްތިމާސްކުރި އިރު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ޖަލުގައި ހުންނަވައިގެން އެކިފަހަރުގެ މަތިން ބަޔާން ނެރުއްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއިން ފިސްތޯލު ފެނުން މައްސަލާގައި އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީތައް ވެސް މީޑިއާގައި ދައުރުވި އެވެ.

އޭގެ އިތުރުން 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ރައީސް ނަޝީދު ވަނީ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލަވާފަ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ސްރީލަންކާގަ އެވެ. އަދި ބޭރުގެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރާއްޖޭގެ މަސްރަހާ މެދު ތަފާތު ވާހަކަތައް ދައްކަވަ އެވެ.