ކުޅިވަރު

ކޮލިފިކޭޝަން މުބާރާތް ނުބާއްވަން ނިންމައިފި

Jul 24, 2017

ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމަށް މުބާރާތުގައި ވާދަ ކުރެވެން ނެތް ކަމަށް ހާމަ ކުރުމުން، އެމާލޭ ލީގް ކޮލިފިކޭޝަން މުބާރާތް ނުބާއްވަން އެފްއޭއެމުން ނިންމައިފި އެވެ،

އެފްއޭއެމުން ވަނީ، މުބާރާތުގައި ވާދަ ކުރާ، ފުރަތަމަ ޑިވިޝަންގެ ހަތަރު ކުލަބަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ކުލަބު ޒެފްރޯލާއި ރަނަރަފު ކުޑަ ހެންވޭރު ޔުނައިޓަޑްގެ މާލީ ހާލަތު ދަށް ކަމަށް ބުނެ، މުބާރާޓުން ވަކިވެފައިވާ ކަމަށެވެ.

އެހެން ކަމުން އަންނަ އަހަރުގެ މާލީ ލީގަށް ފުރަތަމަ ޑިވީޝަންގެ ހަތަރު ޓީމު އޮޓާއިން ކޮލިފައިވެފައިވާ ކަމަށްވެސް އެފްއޭއެމުން ކުލަބުތަކަށް ވަނީ އަންގާފަ އެވެ.

ފުރަތަމަ ޑިވިޝަނުން، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރާނީ، ނިމިގެން ދިޔަ މާލޭ ލީގްގައި ގަދަ ހަތަރަކުން ފުރުސަތު ނުލިބުނު ހަތަރު ޓީމެވެ. އެއީ ކުލަބު އީގަލްސް އާއި ވިކްޓަރީ އާއި ކުލަބު ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓަރީ އެވެ.

ޒެފްރޯލް އާއި ކުޑަ ހެންވޭރުން ބުނެފައި ވަނީ ކޮލިފިކޭޝަން މުބާރާތުގައި ވާދަ ނުކުރަން ނިންމީ މާލީ ހާލަތު ހުރި ގޮތުން، އިތުރު މުބާރާތެއް ކުޅެ، ކުޅުންތެރިންނަށް މުސާރަ ދެވޭނެ ފެންވަރު ކުލަބުގައި ނެތުމުން ކަމަށެވެ.

"ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ޑިވިޝަން ހަތަރު ޓީމަށްވެސް ދެ މިލިއަން ރުފިޔާ ލިބިގެންދޭ، ނަމަވެސް އަޅުގަނޑުމެންނަށް [ދެ ވަނަ ޑިވިޝަން] ކުލަބުތަކަށް މި ލިބެނީ 500000 ރުފިޔާ އެއީވެސް ހަމައެކަނި ދެ ވަނަ ޑިވިޝަން މުބާރާތަށް، އިތުރު މުބާރާތަކަށް ކުޅުންތެރިންނަށް މުސާރަ ދިގެން ގެންގުޅެވޭ ފެންވަރެއް ނެތް." ޒެފްރޯލްގެ ރައީސް މުއާޒު ރަޝީދު ވިދާޅުވި އެވެ.

ކުޑަ ހެންވޭރުގެ ޔުނައިޓަޑްގެ ރައީސް އިބްރާހިމް އަލީފް ރަޝީދު ވިދާޅުވީ މުބާރާތުގައި ވާދަ ނުކުރަން ނިންމީ އެފްއޭއެމްއާ އެކު މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި މުބާރާތުގައި ވާދަ ކުރުމުގެ ފެންވަރު އެ ޓީމުގައި ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަމަ އެކަނި ފުޓްބޯޅައަށް ހާއްސަވެފައި އޮތް ކުލަބެއް ނޫން ބާސެކްޓް ގައިވެސް އަދި އެހެން ގިނަ ކުޅިވަރުތަކުގައިވެސް ވާދަ ކުރަން، މާލީ ގޮތުން އަޅުގަނޑުމެންގެ ކިބައިގައި ނެތް ފެންވަރެއް، އިތުރު މުބާރާތަކަށް ކުޅުންތެރިންނަށް މުސާރަ ދީގެން ގެންގުޅެވޭނެ ތަނަވަސްކަން ކުލަބު ގައި ނެތް." އަލީފް ވިދާޅުވި އެވެ.