ހަބަރު

މަޖިލީހުގެ އިދާރާގައި ތަޅުއަޅުވައި، މެންބަރުން ވަނުން މަނާކޮށްފި

Jul 24, 2017
8

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ނޯންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން އަންގާފައިވާތީ، މަޖިލީހުގެ މެންބަރުންނަށް ވެސް މަޖިލީޙުގެ ގޯތި ތެރެއަށް ނުވަދެވޭ ގޮތަށް މަޖިލީހުގެ ހުރިހާ ގޭޓެއް ތަޅުލައި ސިފައިން މަޖިލީހުގެ ގޯތި ތެރޭގައި ފޯރި މަރަން ފަށައިފި އެވެ.

ސިފައިން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށް، މަޖިލީހުގެ ގޭޓްތައް ތަޅުލީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ މިއަދު ބާއްވައި އެކަނިކުފާނު މަގާމުން ދުރު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭވެސް ބުނެފައި ވަނިކޮށެވެ. އަދި ބާރުތައް ވަކިކުރުމަށް ގޮވާލައި އިދިކޮޅުން މިއަދު ވަނީ ބޮޑު މުޒާހަރާއަކަށް ވެސް ތައްޔާރުވެފަ އެވެ.

މަޖިލީހުގެ އިދިކޮޅު މެންބަރަކު މިއަދު އަވަސް އަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ގޯތި ތެރެއަށް އާންމުކޮށް ވަންނަ ގޭޓް ވެސް ތަޅުލާފައިވާ ކަމަށާއި މެންބަރުންނަށް ވެސް މިއަދު މަޖިލީހަށް ނުވަދެވޭނެކަން އެ ސަރަހައްދުގައި ތިބި ސިފައިން އަންގާފައިވާ ކަމަށެވެ. މަޖިލީހުގެ އިރުމަތީ ފަރާތުގައި ހުންނަ ގޭޓުން މުވައްޒަފުން ވަނުމަށް ސިފައިން ހުއްދަ ދިން ނަމަވެސް، މުވައްޒަފުން ވެސް މަޖިލީހުގެ އިދާރާއަށް ވައްދަން ކާޑްވެސް ބަލައި ސްކްރީން ކުރުމަށް ފަހު އެވެ. އެ ގޭޓުން ވެސް މެންބަރުންނަށް މަޖިލީހުގެ ތެރެއަށް ނުވަދެވޭނެ ކަން ވެސް އެންގި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގެ އިދާރާއިން ބާތިލް ކުރީ އެ މައްސަލައިގައި ސޮއި ކުރި ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުމުން މައްސަލަ ސައްހަވާ ވަރަށް ވޯޓް ނެތް ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މައްސަލަ ބާތިލް ނުވާ ކަމަށާއި މަސީހުގެ މިއަދު ޖަލްސާއެއް ބާއްވާ މަގާމުން ވަކި ކުރާނެ ކަމަށެވެ.