ކުޅިވަރު

ފުޓްބޯޅައަށް ގެނައީ ރަނގަޅު ބަދަލެއްތަ؟

ކޮންމެ ބޮޑު ބަދަލެއްގައި، ރަނގަޅު ނަތީޖާ އާއި ނުރަނގަޅު ނުރަނގަޅު ވެއެވެ. މެނޭޖެމެންޓް ފިލޯސަފީގައި އެއަށް ދެވިފައިވާ ޓާމަކީ، "ޕްރޮސް" އަދި "ކޮންސް" އެވެ. ކޮންމެ ބަދަލެއް ގެންނައިރު، އެ ބަދަލު ވާން ޖެހޭނީ އެކަމެއްގެ ދާއިރާއާ ގުޅުން ހުރި، ފަންނީ މީހުންގެ އެހިތެރިކަން ހޯދައިގެން އެކުލަވާލެވޭ ދިރާސާއެއްގެ މައްޗަށް ބިނާ ކޮށް ގެންނަ ބަދަލަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް، މިއަހަރު ގެނައި ބަދަލަކީ، 2001 ގެ ފަހުން ފުޓްބޯޅައަށް ގެނެވުނު އެންމެ ބޮޑު ބަދަލެވެ. މާލޭ ލީގް އަލުން ތާރަފްކޮށް، އެ މުބާރަތާއި، ރަށްރަށަށް ހާއްސަކޮށްގެން ބާއްވާ، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ، ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމަށް އޮތް ދެ މަގު ކަމުގައި ކަނޑައެޅި އެވެ.

ސުވާލަކީ، ފުޓްބޯޅަ ސީޒަނަށް ބަދަލު ގެނައުމުގެ ކުރިން، އެކަމަށް ދިރާސާ ކުރެވުނީ ކިހާވަރަކަށް ހެއްޔެވެ. އެ ބަދަލު ގެންނަން އެކުލަވާލި ސްޓަޑީ އަކީ ކޮބަ ހެއްޔެވެ. މި ބަދަލު ގެނައުމުގެ ކުރިން، އެފްއޭއެމްގެ އެކިއޮފިޝަލުން އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވެފައި ވަނީ، މިބަދަލު ވާނީ، ގެއްލިފައިވާ ފުޓްބޯޅަ ފޯރި އަލުން އެނބުރި އަންނާނެ ބަދަލަކަށެވެ. ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑު ވެގެންދާނެ ބަދަލަކަށް ކަމަށެވެ.

ތެދެކެވެ. އެ ބަދަލުން ފުޓްބޯޅަ ފޯރި ގަދަ ވެއްޖެ އެވެ. ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑު ވެއްޖެ އެވެ. ނިމިގެން ދިޔަ މާލޭ ލީގަކީ، މިދިޔަ ފަސް ވަރުކަށް އަހަރުތެރޭ، ބޭއްވި އެންމެ ވާދަވެރި މުބަރާތް ކަމަށް، ޓީމުތަކުގެ ކޯޗުންނާއި ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކުން ބުންޏެވެ.

މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕުން، ދިވެހި ޕްރިމިއާ ލީގަށް ދާނެ ޓީމުތައް ކަނޑައެޅިއްޖެ އެވެ. އެއަށް ފަހު، ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުނު ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމަށް، އޮތީ ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމާއެކު ކުޅޭ މާލޭ ލީގް ކޮލިފިކޭޝަން މުބަރާތެވެ. ގެނެވުނު ބަދަލުގެ ބޮޑު އަނޑިގަނޑު އައީ މިހާ ހިސާބުން ނެވެ. މާލީ ހާލަތު ދަށް ކަމަށް ބުނެ ދެ ވަނަ ޑިވިޝަންގެ ދެ ޓީމު މުބާރާތުން ވަކިވެއްޖެ އެވެ. ފުރަތަމަ ޑިވިޝަންގެ އަނެއް ހަތަރު ޓީމު އެފްއޭ ކަޕާ ހަމަޔަށް ކުރާނެ ކަމެއް ނެތެވެ.

އެފްއޭއެމުން ގެނައި ބަދަލާ ގުޅިގެން، ކުރީގެ ކޯޗް އަދި އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރުކަންވެސް ކޮށްފައިވާ، މައުރޫފް އަހްމަދު (މާއްޓޭ) ބުނީ، ފުޓްބޯޅަ އަށް ބަދަލު ގެންނަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނެންގެވި ރިސްކަށް މަރުހަބާ ކިޔާ ކަމަށެވެ.

"ރިސްކު ނެގުމަކީ ކޮންމެ ސަކްސަސްއެއްގެ ވެސް އެންމެ ބޭސިކް ޕްރިންސިޕަލް، ގިނަ މީހުންނަށް ރިސްކު ނަގަން ބޭނުމެއް ނުވެ،" މާއްޓޭ ބުންޏެވެ. "އެހެންވެ، ބައްސާމް އެ ނެންގެވި ރިސްކަށް އަޅުގަނޑު މަރުހަބާ ކިޔަން، ކޮންމެ ރިސްކެއްގައިވެސް ޕްރޮސް އަދި ކޮންސް ހުންނާނެ، ދެން ޖެހޭނީ މި ބަދަލު މިހާބޮޑު ގޮންޖެހުމެއް އައީ ކީއްވެތޯ ބަލަން."

އޮނިގަނޑަށް ގެނައި ބަދަލު މިވީ، ފެއިލްޔާއަކަށެވެ. ޓީމުތަކުގެ ސީނިއާ ކުޅުންތެރިން މާޔޫސް ވެއްޖެ އެވެ. ތަޖުރިބާ ކާރު ކޯޗުން އަތް އުރާލައިގެން ފުޓްބޯޅައާ ގިނަ ދުވަސްތަކަށް ދުރުގައި ތިބެން ޖެހުނީ އެވެ. ބައެއް ޓީމުތަކުގެ ކުޅުންތެރިން ލޯން އެއްބަސްވުމުގައި ދާނެ ކުލަބުތައް ހޯދަނީ އެވެ. 'އަވަސް' އާ ވާހަކަ ދެއްކި ބައެއް ޓީމުތަކުގެ ކޯޗުން ބުނީ އަވަސް އަރުވާލާފައި ގެނެވުނު ބަދަލު ފުޓްބޯޅައަށް އެންމެ ފަހި ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ނެތް ކުޅުންތެރިންނަށް ހިފެހެއްޓެނެ ގޮތެއް، ގައުމީ ޓީމުން ޖާގަ ހޯދަން ކުޅުންތެރިން ބޭނުން، އެހެންވެ އެ ކުޅުންތެރިން ލޯން އެއްބަސްވުމުގެ ދަށުން އެހެން ކުލަބަތަކަށް ދާން އަޅުގަނޑުމެން ވާނީ ހުއްދަ ދީފަ، އެފްއޭކަޕަށް ދެން އޮތީ އެހެން ގޮތެއް ހޯދުން." އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުންޏެވެ.

އެހެން ކޯޗަކު ބުނީ، އެފްއޭކަޕްގައި ބައިވެރިވާން ވިސްނާނީވެސް، ރަނގަޅު ޓީމެއް އެވެއްޖެނަމަ ކަމަށެވެ. "އެހެން ނޫނީ އެފްއޭކަޕްގައި ވާދަ ކުރުމުގެ ވިސްނުމެއް ނެތް، ޓީމަކީ އެހާ ޑެޕްތު އޮތް ސްކޮޑެއް ނޫން." ގެނެވުނު ބަދަލު ރަނގަޅެއް ނުވި އެވެ. ދެން އޮތީ ދެން ހަދާނެ ގޮތެކެވެ.

މާއްޓޭ ބުނީ، މިހާހިސާބުން މުޅި އޮނިގަނޑު ޕްރޮފިޝަނަލް ބައެއް މެދުވެރިކޮށް ރިވިއު ކޮށް، ގެނެވުނު ބަދަލުގައި ހުރި ނުރަނގަޅު ކަމަކީ ކޮބަތޯ ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ނެންގެ އެ ޕްލޭން ކޮށްގެން ހެދި ގޮތެއް ކިހާވަރެއްގެ ސްޓަޑީއެއްގެ މައްޗަށް ބޭސް ކޮށްގެން ކަމެއް ނޭންގެ، އެހެން ނަމަވެސް، އެ ޓޯނަމަންޓް ނިމުނީ ދެއްތޯ، ދެން އެނގެނީ ކޮންކަންތައްތަކެއް ކަން ޕްރަޕޯސް، އެހެންވެ އަޅުގަނޑު ޕްރަޕޯސްއަކީ ރިވިއުއަކަށް ވަޑައިގަންނަވަން ވީ، ރިވިއުއަކަށް ދިޔައީމަ އެނގޭނޭ، އެބަދަލުގެ މަގްސަދަކީ ކޮބައިކަން އޭގެ ހުރި މައްސަލަތައް ހައްލު ކުރުމަށް އެޑްރެސް ކުރަނީ ކިހިނެއްކަން، ރިވިއުއެއް ހަދާއިރު ޕްރޮފިޝަނަލް ބައެއް ލައްވައި ކަންނޭންގެ ހައްދަންވަންވީވެސް ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު އެމީހުން ލަފާއާ އެއްކޮށް ދެން އަލުން އިތުރަށް ހަރުދަނާ އެއްޗެއް ބިއުލްޑް ކުރަންވީ."

މާއްޓޭ ބުނީ މިހެން ދިމާވުމުން އެއްވެސް ފަރާތަކަށް، އިނގިލި ދިށް ކޮށްގެން ނުވާނެ ކަމަށާއި، ކޮންމެ ފެއިލްޔާ އަކީ ކާމިޔާބުގެ ފެށުން ކަމަށެވެ. އޭނާ ބުނީ ބައްސާމުގެ ކިބައިގައި އެކަމުގެ ގަބިލުކަން އެބަހުރި ކަމަށާއި މިއަށްވުރެ ރަނގަޅު ބަދަލެއް ގެންނާނެ ކަމަށެވެ.

"އަޅުގަނޑު ބައްސާމްއާ ބައްދަލު ކުރިން ދެތިން ފަހަރަކަށް، ބައްސާމްގެ ވިސްނުން ވަރަށް ރަނގަޅު، ކުރަން ޖެހޭނެ ކަމަކީ އެކަން އެކްޓިވޭޓް ކުރުން، އެކަން ހިންގުން ބައްސާމްގެ ރަނގަޅު ވީޝަންއެއް އެބައޮތް،" މައްޓޭ ބުންޏެވެ. "ވިޝަންއެއް އޮތިއްޔާ ރިވިއު ކޯށް ރަނގަޅު ހައްލެއް ގެނެވޭނެ، ކޮންމެ ކަމެއްގައިވެސް ޕްރޮސް އަދި ކޮންސް ހުންނާނެ، ކޮންސް ގިނަ ވާނަމަ، ދެން ޖެހޭނެ ރިވިއުއަށް ދާން، ރިވިއުކޮށް ރަނގަޅު ހައްލެއް ލިބޭނެ."."