ހަބަރު

"ސިފައިން ބޭނުން ކުރީ މަޖިލީސް "ހިސޯރު" ކުރާކަށް ނޫން، ހިމާޔަތް ކުރަން"

ސިފައިންގެ އެހީ ހޯދީ ރައްޔިތުން މަޖިލީހުގެ އިދާރާ "ހިސޯރު" ކުރާކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި މަޖިލީހުގެ ތެރޭގައި ހަޅުތާލު ކުރަމުން ދިޔަ އިދިކޮޅު މެންބަރުން ދުރުކޮށް މަޖިލީސް ހިމާޔަތް ކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ނިއުސް އިން އޭޝިޔާ"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިއަދދު ނުބޭއްވުމަށް އެ އިދާރާއިން ނިންމާފައިވީ ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ކަމަށް ބުނެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރެއަށް ވަދެގަތް ކަމަށެވެ. އެހެންކަމުން މަޖިލީސް ހިމާޔަތް ކުރުމުގެ ގޮތުން ސިފައިންގެ އެހީ ބޭނުންކޮށްގެން އިދިކޮޅު މެންބަރުން ދުރަށް ޖައްސާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މި ދުވަސްވަރު މަޖިލީސް ޗުއްޓީގައި ހުރި ނަމަވެސް އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފަށާނެ. ސިފައިންގެ އެހީ ހޯދީ އެއްވެސް ގޮތަކަށް މަޖިލީސް ހިސޯރު ކުރާކަށް ނޫން. އެއީ މަޖިލީހުގެ އިދާރާއަށް ވަތް އިދިކޮޅު މެންބަރުން ނެރުމަށް ފަހު ކަންކަން އާންމު ހާލަތަކަށް ގެނައުމަށް،" މޫސަ ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލަ މޫސަ ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ހިންގަނީ ދިވެހި ސަރުކާރުގެ ނަަމަށް ހުތުރުކަން ގެނައުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު މަޖިލީސް މެންބަރުން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލަ ތަހުގީގުކޮށްދިނުމަށް އެ އިދާރާއިން ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މަޖިލީސް މެންބަރަކު ހައްޔަރެއް ނުކުރެ އެވެ.