ރިޕޯޓް

މެންބަރުންގެ ވާޖިބަށް ހުރަސްއެޅިދާނެތަ؟ އެއީ ކުށެއް!

  • ފުލުހުންގެ އަމަލުތަކާ މެދު ގާނޫނީ ބޮޑެތި ސުވާލުތައް
  • ފުލުހުންގެ އަމަލުތަކުން މެންބަރުންނަށް ޖިސްމާނީ އަނިޔާ
  • ވަކިވަކި ފުލުހުން ޒިންމާ ކުރުވަން ވަކީލުން ގޮވާލާ

ގިނަ ބަޔަކު އިއްތިފާގުވަމުން ދަނީ މިކަމާ އެވެ. އިއްޔެއަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފެނިގެންދިޔަ އެންމެ ކަޅު ދުވަހެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނުމަށް ވަނީ ހުރަސް އަޅާފަ އެވެ. މެންބަރުން އެ މެންބަރުންގެ މަޖިލީހަށް ވަދެވަޑައިގަތުމުން ވެސް "ދަމާ ކޫތާފައި" ވަނީ މެންބަރުން ނެރެފަ އެވެ. މިކަން ކޮށްފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ސަލާމަތީ ބާރުތަކުންނެވެ.

ކުނޫޒުން މެންބަރުން ނިކުމެ މަޖިލީހުގެ އިދާރާއަށް ދިމާލަށް މިސްރާބު ޖެހުމުން އެ މެންބަރުންނަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. މަގުމަތިން ހިންގަވާފައި ދަނިކޮށް މެންބަރުންނަށް ހުރަސްއެޅި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އެ ބާރު ފުލުހުން ނުލިބޭ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވާން ފެއްޓުމާއެކުހެން މެންބަރުންނަށް ކުރިއަށް ދެވޭ ގޮތަށް ފުލުހުންގެ ސަފުތައް ރޫޅާލި އެވެ. ގާނޫނުގައި މިހާރު ވާ ގޮތުން ވެސް ފުލުހުންނަށް ހުއްޓުވޭނީ ގައިރު ގާނޫނީ އެއްވުމެވެ. މެންބަރުންނަށް މަގުމަތިން ހުރަސްއެޅޭނެ އެއްވެސް ހަމައެއް ނެތެވެ.

އަނެއްކާވެސް މަޖިލިސް މެންބަރުންނަށް ފުލުހުން ހުރަަސްއެޅީ މަޖިލިސްގެ އިދާރާ ކައިރިންނެވެ. މެންބަރުންނަށް މަޖިލިސް އިދާރާއަށް ނުވަދެވޭނެ ކަމަށް އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ދިޔައީ ބުނަމުންނެވެ. ނަމަވެސް އެއީ ކޮން ގާނޫނެއްގެ ދަށުން ލިބިދޭ ބާރެއް ކަމެއް ފުލުހުން ނުބުނެ އެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ މެންބަރުންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާފައިވާ ކަމަށް ބެލެވިދާނެ އެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވީ، ސަލާމަތީ ބާރުތަކުން މަޖިލިސް ހިސޯރުކުރުމަކީ މަޖިލީހުގެ މެންބަރުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށާއި އެއީ ބޮޑު ކުށެއް ކަމަށެވެ.

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވިދާޅުވީ، މެންބަރުންނަށް ހުރަސްއެޅުމަކީ ޖިނާއީ ކުށެއް ކަމަށެވެ. މައުމޫން ވަނީ އެކަމުގެ ގާނޫނީ މާއްދާތައް ވެސް ދައްކަވާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ވަނީ، ގާނޫނަކުން ބާރު ލިބިގެން ނޫނީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރުކޮށްގެން ނުވާނެ އެވެ. އަދި ގައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވެ އެވެ.

ގާނޫނުލް އުގޫބާތުގެ ގާނޫނުގެ 533 ވަނަ މާއްދާގައި ބުނެފައިވަނީ، މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ ނޫން އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަގުސަދު ހާސިލުވިޔަ ނުދިނުމަކީ ކުށެކެވެ. ފުލުހުންގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުން ފުލުހަކު، ގަސްދުގައި އެނގިހުރެ އެމީހަކަށް ބާރާއި އިހުތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފިނަމަ އެއީ ކުށެކެވެ. މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުން އިއްޔެ ސަލާމަތީ ބާރުތަކުން ވަނީ މި ކުށްތައް ކޮށްފަ އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، އިއްޔެ ރައްޔިތުންގެ މަޖިލީހެއް ނެތްކަން އިއުލާން ކޮށްފައިވަނިކޮށް މަޖިލީހަށް ދިޔުމުގެ ނަމުގައި މެންބަރުންތަކެއް ފުލުހުންގެ ސަފުތައް ފަޅާލައި، ކޯޑަންގެ އެތެއަށް ވަދެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ. ފުލުހުންގެ މި ވާހަކަ ހަމަޖެހެނީ ކިހިނެއް ހެއްޔެވެ؟ މަޖިލީހުގައި ޖަލްސާއެއް ނެތް ނަމަވެސް އެ މަޖިލީހަށް މެންބަރުންނަށް ނުވަދެވޭނެ ގާނޫނީ ހަމައެއް ނެތެވެ. އަދި އެކަމަށް ފުލުހުންނަށް ހުރަސްއެޅޭނެ ގޮތެއް ވެސް ނެތެވެ. މެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ވެސް ހަމައެކަނި ޖަލްސާތަކަށް ނޫނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، މެންބަރުން މަޖިލީހުގައި ކުރަން ވަރަށް ގިނަ މަސައްކަތްތައް ހުންނަ ކަމަށާއި މެންބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭ ގޮތަށް އޮފީސްތައް މަޖިލިސް ތެރޭގައި ހުންނަ ކަމަށެވެ. އަދި މަޖިލިސް ޖަލްސާތައް ނެތް ނަމަވެސް މަޖިލީހަކީ ބަންދުކުރާ ތަނެއް ނޫން ކަމަށާއި އެތަނުގައި 24 ގަޑިއިރު ސަލާމަތީ ކަންކަން ސިފައިން ބަލަހައްޓަމުންދާއިރު ކޮންމެ ގަޑިއެއްގައި ވެސް މެންބަރުންނަށް މަޖިލީހަށް ވަދެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުގެ މަތިން މަޖިލީހުގެ ސަލާމަތީ ހުރިހާ ކަމެއް ހަވާލުކޮށްފައިވަނީ އެމްއެންޑީއެފްއާ އެވެ. ފުލުހުންގެ ދައުރެއް އެކަމުގައި ނުވެ އެވެ. މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ސަލާމަތީ ބާރުތަކުގެ އެހީއަށް މަޖިލީހުން ވާނީ އެދިފަ އެވެ. އެކަމަށް އެދުނީ މަޖިލީހުގެ ގޯތި ތެރެއަށާއި މަޖިލީހުގެ ގެއަށް ވަދެ ގަނޫނާ ހިލާފު އަމަލު ހިންގަމުންދާ ކަމުގެ މައުލޫމާތާއި އަދި މަޖިލީހުގެ ސަލާމަތައް ނުރައްކާވެދާ ފަދަ ކަމެއް މެދުވެރި ވެދާނެ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މެންބަރުން މަޖިލީހަށް ވަޑައިގަތުމުގެ މާކުރިން މަޖިލީހުގެ އިދާރާ ވަނީ ސިފައިން ތަޅުލާފަ އެވެ. އަދި މުވައްޒަފުންނަށް ނޫނީ ނުވަދެވޭނެ ކަމަށް އަންގާފަ އެވެ.

މިހާ ހިސާބުން މައުމޫން ހަމީދު ކުރައްވާފައިވާ ސުވާލަކަށް ބަލައިލާނަމެވެ. "ގޭގައި ގެންގުޅޭ މީހާއަށް ފުހުންގެ ކައިރީގައި ގޭގެ ވެރިމީހާ ގެއަށް ނުވައްދާށޭ ބުނެވިދާނެ ހެއްޔެވެ؟" މައުމޫން ވިދާޅުވީ، މަޖިލިސް މަޖިލީހަކަށް ވަނީ މެންބަރުން ތިބުމުން ކަމަށެވެ.

ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ މަޖިލީހުގެ ތެރެއަށް ފުލުހުން އިއްޔެ ވަނީ ވަދެފަ އެވެ. އެކަމާ ގުޅިގެން ވެސް ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކުރި އެވެ. ފުލުހުން ވަނީ މަޖިލިސް މެންބަރުންތަކެއްގެ އަތުގައި ހިފައިގެން ގަދަބާރުން މަޖިލީހުގެ އިދާރާއިން ނެރެފަ އެވެ. މަޖިލިސް ތެރޭގައި ހުންނަވަނިކޮށް ފުލުހުން ވަނީ މެންބަރު ރޮޒެއިނާ، ޝާހިދު އަދި އީވާ ފަދަ ބޭފުޅުންގެ އަތުގައި ހިފާފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އިއްޔެ މަޖިލިސް ތެރެއަށް ފުލުހުން ވަނީ، ގޮނޑި ގެއްލިފައިވާ މެންބަރުން މަޖިލީހުގެ ތެރޭގައި އުޅޭތީ އެ މެންބަރުން ބޭރުކޮށްދިނުމަށް ސިފައިން ފުލުހުން ކިބައިން އެދުމުގެ މަތިންނެވެ.

ފުލުހުންގެ އަމަލާއި ބަހުގެ ދިމާނުވާ ކަންކަން އިއްޔެ ފެނިގެންދިޔައިރު އިއްޔެ ހިނގާދިޔަ ކަންކަމާ ގުޅިގެން މިހާތަނަށް އެމްއެންޑީއެފްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމްޑީއެފްގެ މީޑިއާ ގުރޫޕްގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ސިފައިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެހެން މުއައްސަސާތަކުން ބުނެފައިވާ ގޮތުންނަމަ، އިއްޔެ ހިނގާފައިވާ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ސިފައިންނެވެ. އެއީ ފުލުހުން ވެސް އަދި ސަރުކާރުން ވެސް މަޖިލީހުގެ ތެރޭގައި ހިނގި ކަންކަމަކީ ސިފައިންގެ އެންގުމަށް ހިންގާފައިވާ ކަންކަން ކަމަށް ބުނެފައިވާތީ އެވެ.

ރައީސް އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން އިއްޔެ އެޅި ހާއްސަ ފިޔަވަޅުތަކަކީ، މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ގާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމްއެންޑީއެފް އިން އެޅުއްވި ހާއްސަ ފިޔަވަޅުތަކެއް ކަމަށެވެ. ސިފައިން ވަނީ އިއްޔެ މެންބަރުންތަކެއް ގަދަކުމުން މަޖިލީހުގެ ތެރެއިން ނެރެފަ އެވެ. އަދި މުޅި މަޖިލިސް ސިފައިންގެ "އަތްދަށަށް" ގެނެސްފަ އެވެ.

ސިފައިން ނޫން އެހެން މުއައްސަސާތަކުން ބަޔާންތައް ނެރެ، ކޮންމެ މުއައްސަސާއެއްގެ ދިފާއުގައި ވާހަކަ ދައްކާފައިވާއިރު، އެ ބަޔާނުންތަކުން ދެކޮޅު ނުޖެހޭ ކަންކަން ވެސް ވަނީ ފާހަގަވެފަ އެވެ. ފުލުހުން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އިއުލާންކޮށްފައިވާތީ، މަޖިލީހަށް ވަނުމަށް މަނާކޮށްފައިވަނީ ސަރުކާރުންނެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް އެޅީ ސީދާ ދިވެހި ސިފައިން ކަމަށާއި އެކަމުގައި ސަރުކާރަށް ކުރާ ތުހުމަތުގައި އަސްލެއް ނެތް ކަމަށެވެ. މަޖިލީހުން ނެރުނު ބަޔާނުގައި ސިފައިން ސަލާމަތީ ކަންކަން ވަރުގަދަކުރީ މަޖިލީހުން އަންގައިގެން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ބަޔާނަކީ އެ މަޖިލީހުގެ އަމީންއާމަށް އެނގިގެން ނެރެފައިވާ ބަޔާނެއް ނޫނެވެ. ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ލިޔެކިޔުންތައް ބަލަހައްޓައި އިދާރީ ކަންކަން ބަލަހައްޓާނީ އަމީނާމެވެ.

އިއްޔެ ފެނިގެން ގޮސްފައިވަނީ ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް ފެނުނު ގޮތަށް ގާނޫނު އަސާސީ މަނާކުރަމުން ދިޔަ ތަނެވެ. ކަންކަންކުރުމުގައި ގާނޫނަކަށް އުސޫލަކަށް ހަމައަކަށް ބެލުމަށް ނެތެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅޫވީ، ގާނޫނު އަސާސީއަށް ވާނެ ހަތަރެތިވެ ނިމިއްޖެ ކަމަށެވެ.