ރިޕޯޓް

ހާރިޖީ ދާއިރާގައި ރާއްޖޭގެ "ސައިޒް" އޮޅިފައި

Jul 27, 2017
35

ރާއްޖެ މިނިވަންވީ ފަހުން ބޭރު ބަޔަކު މާލެއަށް ހަމަލާ ދިނީ އެންމެ ފަހަރަކުއެވެ. އެއީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކާއި ސްރީލަންކާ ތަމަޅައިންގެ ބަޔަކު ގުޅިގެން ދިން ހަމަލާއެކެވެ. އެހަމަލާ ދިފާއު ކުރުމުގައި ދިވެހި ސިފައިން ނުހަނު ހިތްވަރު ކުރިއެވެ. ނަމަވެސް އާޚިރުގައި އެކަން ނިންމަން އަންނަން ޖެހުނީ އެހެން ގައުމެއްގެ ސިފައިންނެވެ. އެފަހަރު އެހީވީ އިންޑިއާއިންނެވެ.

ރާއްޖޭގައި ހުރި ސަރުކާރުގެ މައި ހޮސްޕިޓަލު އެޅީ އިންޑިއާއިންނެވެ. މާލެ ވަށައި ތޮށިލީ ޖަޕާނުންނެވެ. ފޮރިން މިނިސްޓްރީ ޗައިނާއިންނެވެ. ގަތަރުން އެޅި ސްކޫލެއް އެބަހުއްޓެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ހިންގަނީ ސައުދީ އަރަބިއްޔާއިން އެޅި އިމާރާތެއްގައެވެ. ދިގު ކުރާކަށް ލިސްޓް ކިޔާނެ ކަމެއް ނެތެވެ. ރާއްޖެއަކީ ބޭރުގެ އެހީ އިންތިހާއަށް ލިބިގަނެގެން އުޅޭ ގައުމެކެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިނގާ ޒުވާބުތަކުގެ ތެރެއަށް ވަދެ، އެފަދަ އަރައިރުންތަކުގައި ވަކި ފަރާތަކަށް ނުޖެހުމަކީ ރާއްޖޭން 1976 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި ސިޔާސަތެކެވެ. އެއީ އޭރު ވަރަށް ބާރަށް ކުރިއަށް ދިޔަ ހަރަކާތެއް ކަމަށްވާ " ނަން އެލައިނެޑް މޫމެންޓް" ގައި ބައިވެރިވި ހިސާބެވެ. ގައިމުވެސް އޭގެ ފަހުން ރާއްޖޭން ގެންގުޅެފައި ވަނީ އެ ސިޔާސަތެވެ.


ނަމަވެސް ފާއިތުވި ޖޫން މަހު ރާއްޖޭން ވަނީ އެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނައިކަން ފާޅުކޮށްފައެވެ. އެގޮތުން ގަލްފުގެ އަރަބި ގައުމުތަކުގެ މެދުގައި އުފެދުނު، ފެށުނު ކޮޅެއް ނިމޭނެ ގޮތެެއް ނޭނގޭ އަރައިރުމެއްގައި ރާއްޖޭން ވަނީ ވަކި ފަރާތަކަށް ޖެހިފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އަރަބި ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑައިލުމާ އެކު ރާއްޖޭން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. ގަތަރަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ނުހަނު މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮއްވައެވެ.

ގަތަރާ ގުޅުން ކަނޑައިލުމުން ވަގުތުން ވަގުތަށް އެކަމުގެ އަސަރެއް ދިވެހިންނަށް ނުފެނި ހިނގައިދާނެއެވެ. ނަމަވެސް ޖެހޭ ކޮންމެ ކަމެއްގައި ދިވެހިން މަދަދަށް އެދި އަތް ދިއްކުރާ އިންޑިއާ ފަދަ ގައުމަކާ ގުޅުން ކެނޑިއްޖެ ނަމަ ވާނީ ކިހިނެތް ބާއެވެ؟

އިންޑިއާއާ ރާއްޖެއާ ގުޅުން އޮތް މިންވަރު

ރާއްޖެއަށް 1988 ވަނަ އަހަރު ކުރިމަތިވި އުދުވާނީ ހަމަލާއަށް ފަހުގައި ވެސް އަސްކަރީ ގޮތުން އެންމެ ބޮޑު މަދަދެއްދޭ އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި ހުރި އެންމެ ބޮޑެތި އުޅަނދު ތަކާއި ހަމަ ވައިގެ އުޅަނދެއް އޮތް ނަމަ އެވެސް ދީފައި ވަނީ އިންޑިއާއިންނެވެ.

ރާއްޖޭގެ އުޅަނދެއް ގެއްލުނަސް ހޯދުމުގައި އެންމެ ފުރަތަމަ އެހީ ވަނީ އިންޑިއާއިންވެ. ފަހުގެ ތާރީހެއްގައި ކުރިމަތިވި އުނދަގޫ ދުވަސްތައް މަތިން ހަނދާން ކުރާ ނަމަ މާލޭން ފެން ކެނޑުނު ހާދިސާއަކީ ރަނގަޅު ހާދިސާއެކެވެ. މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ މައި ޕްލާންޓްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުޅި މާލޭން ފެން ކެނޑުނެވެ.

އެހާދިސާއާ ގުޅިގެން ރާއްޖެއަށް އަވަސް އެހީ ފޯރުކޮށްދިނުމަށް އިންޑިއާއިން މަނަވަރަކާއި ފެން އުފުލާ އަދި އުފައްދާ ޓޭންކަރެެއް ފޮނުވިއެވެ. އަދި އެގައުމުގެ އެއާފޯސްގެ މަތިންދާބޯޓްތަކުގައި ވެސް ރާއްޖެއަށް ފޯރުކޮށްދިނެވެ.

ދެން މިހެން ލިސްޓް ދިގު ކުރާކަށް ލިޔާނެ ކަމެއް ނެތެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިގުތިސާދާއި ތައުލީމާއި ސިއްހީ ދާއިރާއިން ވެސް އޮތީ ކުއްލިއަކަށް ވަކި ނުވެވޭހާ ބަދަހި ގުޅުމެކެވެ.

ކުރިން ކަންތައް އޮތީ ކިހިނެތް؟

ކުރީގެ ރައީސުން ކަމަށްވާ އިބުރާހިމް ނާސިރާއި މައުމޫނު ޢަބުދުލް ޤައްޔޫމާއި އެންމެ ހަލަބޮލި ދުވަސްވަރު ވެރިކަން ކުރެއްވި ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވީ ވަރަށް ވިސްނުންތެރިކަމާއި އެކު ގައުމުތަކާ މޫނު ނުކެނޑޭނެ ގޮތަށެވެ. އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގި މަލްޓި މިލިޔަން ޕްރޮޖެކްޓެއް ހުއްޓުވުމަށް ފަހު ވެސް އެގައުމަކަށް ފާޑެއް ވިދާޅެއް ނުވެއެއެވެ. އަދި އެހެން ގައުމެއްގެ އިސްބޭފުޅަކުވެސް ރާއްޖޭގައި ހުންނަވައިގެން ގައުމުތަކުގެ އަރައިރުންތަކުގައި ކޮޅެއް ނަންގަވައިގެން ވާހަކަ ދައްކަވާކަށް ފުރުސަތެއް ނުދެއްވައެވެ.

އައި ބަދަލަކީ ކޮބާ؟

ފުރަތަމަ ބަދަލަކީ ކުރިންވެސް ބުނި ފަދައިން ގަލްފު ގައުމުތަކުގެ މެދުގައި އުފެދުނު އަރައިރުމުގައި އަވަސް އަރުވާލައިގެން " ކޮޅެއް" ނެގުމެވެ. އެކަމުގައި ރާއްޖޭން ސައުދީ އަރަބިއްޔާއަށް ތަބައަވިކަން މާސާފުކޮށް ވެސް އޮތީ ހާމަވެފައެވެ. އެހެނީ ރާއްޖޭން ގަތަރާ ގުޅުން ކަނޑައިލިކަން ދިވެހި ސަރުކާރަށް ވުރެ ވެސް ކުރިން ހާމަ ކުރީ ސައުދީ ނޫހަކުންނެވެ.

ރާއްޖޭން ވަކި ފަރާތަކަށް ޖެހުމުގެ ސިޔާސަތު ގަލްފު ގައުމުތަކާ ހަމައަކުން ނުނިމުނެވެ. އެންމެ ފަހުން އިއްޔެގައި މިހިނގީ އެންމެ އަވަށްޓެރި ގައުމުތަކާ މޫނު ކެނޑޭ ފަދަ ކަމެކެވެ. އެއީ ރާއްޖެ މިނިވަން ވީ އަހަރު ކަމަށްވާ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަނގުރާމައިގެ ހާލަތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ މައްސަލައިގައި ނުސީދާ ގޮތެއްގައި ވަކި ފަރާތަކަށް ޖެހެވުމެވެ.

ޕާކިސްތާނުގެ ވެރިކަމުން ކިރިޔާ ނުވެއްޓި ހުންނެވި އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ޑިޕްލޮމެޓިކް ގޮތުން ބޭފުޅަކު ވާހަކަ ދައްކަވާނެ އެންމެ ހަރުކަށި އިބާރާތްތަކުން އިންޑިއާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި އެކު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. އެހެންކަމުން އެއީ ރައީސް ޔާމީނުގެ ރުހުން ލިބިވަޑައިގެން ދެއްކެވި ވާހަކަފުޅެއްކަން ޔަގީން ވެއެވެ. އެހެނީ އެވާހަކަފުޅު ޝަރީފު ދެއްކެވީ ދެބޭފުޅުންގެ ރަސްމީ ވާހަކަ ފުޅު ތަކަށް ފަހުގައި ކަމަށް ވުމެވެ.

ނަވާޒް ޝަރީފު ދެއްކެވި ވާހަކަފުޅު

ނަވާޒް ޝަރީފު ވިދާޅުވީ އިންޑިއާއިން މަސައްކަތް ކުރަމުންދަނީ ސާކްގެ ޗާޓަރުގެ ރޫހާ ހިލާފަށް ކަމަށެވެ. ޒަމާނުއްސުރެ ވާދަވެރިކަން އޮންނަ އިންޑިއާޔާ މުހާތަބު ކުރައްވާ ނަވާޒް ޝަރީފް ވިދާޅުވީ މިފަދަ ގޮތަކަށް އިންޑިއާއިން އަމަލު ކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ތަކުރާރުކޮށް އިންޑިއާއިން މި ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

"އެންމެ ފަހު ސާކް ސަމިޓް ބާއްވަން އުޅުނު ފަހަރަކީ ސަމީޓް ލަސްކުރަން މަސައްކަތްކޮށް، އިންޑިއާއިން ސާކްއަށް ގެއްލުން ދިން ހަމަ އެކަނި ފަހަރެއް ނޫން. އިންޑިއާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން އެގޮތަށް ކަންތައްކޮށްފައި. އެދި އެގައުމުން ވަނި ދެގައުމުގެ ދެމެދުގައިި އޮތް މައްސަލަތައް ވައްދައިގެން ސާކްގެ ޗާޓަރުގެ ރޫހާ ހިލާފަށް ކަންތައްކޮށްފައި،" ޝަރީިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމް އާބާދުގައި ސާކް ސަމިޓް ބޭއްވުމަށް ރައީސް ޔާމީނު ތާއީދު ކުރައްްވާތީ ޕާކިސްތާނުން އެމަނިކުފާނަށް ޝުކުރުވެރިވާ ކަމަށެވެ.

ނަތީޖާއަކަށް ވާނީ؟

އިންޑިއާއާ ރާއްޖެއާ ދެެމެދު އޮންނަ ގުޅުމަށް ކިލަނބު ކަމެއް އައި ފަހަރު ތަކުގައި އެގައުމުން ވަނީ ނުސީދާ ގޮތެއްގައި ރާއްޖެއަށް އެކަމުގެ އަދަބު ދީފައެެވެ. އެގޮތުން އެގައުމަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ވިސާ ދިނުމުގައި އެކި އެކި ބަހަނާ ދައްކައިގެން ދަތިކުރުން ހިމެނެއެވެ. މީގެ އިތުރުން އެގައުމުން ރާއްޖެއަށް އިމްޕޯޓް ކުރާ ބައެއް ބާވަތްތައް ރާއްޖެއަށް ވިއްކާ މިންވަރު މަދު ކުރުން ވެސް އެއީ ކުރާ ކަމެކެވެ.

ކުރީ ފަހަރުތަކުގައި އެފަދަ ކަންތައްތައް ކޮށްފައި ވަނީ ސަރުކާރުން ސީދާ ގޮތެއްގައި އިންޑިއާ ރުޅި ނާރުވަނީހެވެ. މިފަހަރު މިހިނގި ކަންތަކަކީ ސީދާ ގޮތެއްގައި ރުޅި އެރުވުން ކަމަަށް ބެލެވިދާނެއެވެ. އެހެންވީމާ ދެން ނިކުންނާނެ ނަތީޖާ ކުރީ ފަހަރާ ތަފާތު ވެދާނެއެވެ.

މިދައްކަނީ ރާއްޖޭން ޚާރިޖީ މިނިވަންކަން ފުރިހަމައަށް ބޭނުން ނުކުރަންވީ ވާހަކައެއް ނޫނެވެ. އެކަމަކު އަރައިރުންތަކުގެ ތެރެއަށް ވަނުމުގައި ރާއްޖެއަށް ރާއްޖޭގެ ސައިޒް އޮޅިގެން އުޅޭ ވާހަކައެވެ.