ހަބަރު

ސަންގްގެ ނޫސްވެރިޔަކަށް ޖިނާއީ ތުހުމަތެއްކޮށް ޕޮލިހަށް ހާޒިރުކުރަނީ

ސަންގް ޓީވީގެ ވީޑިއޯ ޖާނަލިސްޓެއް ކަމަށް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން ޖިނާއީ ތުހުމަތެއްކޮށްފި އެވެ. ފުލުހުން ވަނީ މައްސަލާގެ ތަހުގީގަށް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ހިންގި ހަރަކާތްތައް ކަވަރުކުރަމުން ދަނިކޮށް އެމްޑީޕީ ހަރުގެ ކައިރިން ރޭ ހައްޔަރުކުރި ހަތް ނޫސްވެރިންގެ ތެރޭގައި ޔާމީން ހިމެނެ އެވެ. ރޭ ހައްޔަރުކުރި ސަންގް ޓީވީގެ ހަތަރު ނޫސްވެރިންނާއި ރާއްޖޭގެ ޓީވީގެ ތިން ނޫސްވެރިއެކެވެ. ޔާމީން ވެސް ހިނެނޭ ގޮތަށް އެ ހަތް ނޫސްވެރިން ރޭ ވަނީ ދޫކޮށްލާފަ އެވެ.

ރޭ ހައްޔަރުކޮށް، ދޫކޮށްލި ނޫސްވެރިންގެ ތެރެއިން ޖިނާއީ ތުހުމަތެއްކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓް އަދި ފޮނުވާފައިވަނީ ޔާމީނަށް އެކަންޏެވެ. ޔާމީންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތެވެ. މި ތުހުމަތު މީގެކުރިން ވެސް ރާއްޖެޓީވީގެ ބައެއް ނޫސްވެރިންގެ މައްޗަށްކޮށް އެ ނޫސްވެރިންނަށް ދައުވާކޮށް ކުށް ސާބިތުވެފައިވެ އެވެެ.

ފުލުހުންގެ އިދާރާއަށް ޔާމީން ހާޒިރުވާން އަންގާފައިވަނީ، އަންނަ ހުކުރު ދުވަހުގެ ހަވީރު ފަހެއް ޖަހާއިރަށެވެ.

ރޭ ސަންގް ޓީވީގެ ހަތަރު ނޫސްވެރިޔަކު ހައްޔަރުކުރި އެ ސްޓޭޝަންގެ ކެމެރާތަކަކާއި ލައިވް ސެޓަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ސަންގް ޓީވީއިން ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ އެތަކެއްޗަށް ގެއްލުންދީފަ އެވެ. ކެމެރާތަކަށް ފުލުހުން ފެން އަޅާފައިވާ ކަމަށް ސަންގް ޓީވީއިން ވަނީ ތުހުމަތުކޮށްފަ އެވެ. އެސްއޯ ފުލުހުންތަކެއްގެ އެ އަމަލު ކުށްވެރިކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ސަންގް ޓީވީއިން ބުންޏެވެ.