ހަބަރު

ފަހަކަށް އައިސް މި ހިނގާ ކަންކަން ބަލައި ތަހުގީގު ކުރާނަން: އެންއައިސީ

ފަހަކަށް ރާއްޖޭގައި ހިނގަމުން މި އަންނަ ކަންކަން ކައިރިން ބަކަމުން އަންނަ ކަމަށާއި އެކަންކަން ތަހުގީގު ކުރާނެ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

އެންއައިސީއިން މިހެން ބުނެފައިވާ އިރު މިދިޔަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުންް ބޭއްވި މުޒާހަރާގައި ގާނޫނާ ހިލާފަށް އާންމުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާ މެދު އަމަލުކޮށްފައިވާ ކަމަށް ފުލުހުންގެ މައްޗައް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ރޭ އިދިކޮޅު ހަރަކާތްތައް ކަވަރު ކުރަން އުޅުނު ހަތް ނޫސްވެރިއަކު ފުލުހުން ހައްޔަރު ކުރުމަށް ފަހު އަނިިޔާ ކުރި ކަމުގެ ތުހުމަތުތައް ވެސް އެ އިދާރާއަށް ވަނީ އަމާޒުވެފަ އެވެ.

އެންއައިސީގެ ރައީސް ޔޫސުފު މާނިއު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ހިނގަމުން އަންނަ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ގާނޫނުން ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން އެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.

ރޭ ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ބައެއް ނޫސްވެރިންނަށް އަނިޔާވެގެން އޭޑީކޭއިން ވަނީ ފަރުވާދީފަ އެވެ. އެ ނޫސްވެރިން ނިސްބަތްވާ ޓީވީ ސްޓޭޝަންތަކުން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ އެ ފަރާތްތަކަށް އަނިޔާކޮށްފަ އެވެ. އަދި ބައެއް ކެމެރާތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް އެ ޓީވީތަކުން ތުހުމަތު ކުރެ އެވެ.