ހަބަރު

ނޫސްވެރިންނާ ދެކޮޅަށް ބާރު ބޭނުންކުރި މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

Jul 27, 2017
4

ރޭގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތަކުގެ ހަބަރު ފަތުރަން ގޮސް އުޅުނު ނޫސްވެރިންނާ ދެކޮޅަށް ފުލުހުން އެކަށީގެން ނުވާ ބާރު ބޭނުން ކޮށްފަައިވާ ކަމަށް ތުހުމަތުކޮށް، އެކަން ތަަހުގީގު ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވާލައިފި އެވެ.

ޓީއެމް އިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަަނީ ފުލުހުން ޕެޕާ ސުޕްރޭ ޖެހުމުގައި ނޫސްވެރިންނާއި އެހެން މީހުން ތަފާތުކޮށްފައި ނުވާ ކަމަށެވެ. އަދި ރާއްޖެޓީވީއާއި ސަންގު ޓީވީގެ ނޫސްވެރިން ހިމެނޭ ގޮތުން ހަތް ނޫސްވެރިއަކު ހައްޔަަރު ކުރިކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"ފުލުހުންގެ އަމަލުތައް ފުރިހަމައަށް ތަހުގީގުކޮށް، މުއައްސަސާތައް ޒިންމާރުކުރުވައި ވަކިވަކި ފުލުހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ޓްރާންސްޕޭރެންސީން ގޮވައިލަމެވެ،" ބަޔާނުގައި ވެއެވެ.

ޑިމޮކްރެޓިކް މުއައްސަސާތަކާއި ޑިމޮކްރެޓިކް ހަރަކާތްތައް ހުއްޓުވާތީ ކަންބޮޑުވާ ކަމަށް ވެސް ޓީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ވަގުތެއްގައި މީޑިއާގެ މިނިވަންކަމަށް ހައްދެއް ނެތް މިންވަރަށް ހުރަސް އަޅަމުންދާތަން މިހާރު ފެންނަމުންދާ ކަމަށެވެ.

"ޑޮމޮކްރަސީގެ އުސޫލުތަކަށާއި ދިވެހިރާއްޖޭގެ ގާނުނު އަސާސިއަށް އިހުތިރާމް ކުރުމަށް ސަރުކާރަށާއި ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ގޮވާލުން އަހަރެމެން ތަކުރާރު ކުރަމެވެ،"