ހަބަރު

މެންބަރު އަމީތު ވެސް ހައްޔަރުކޮށްފި

Jul 27, 2017
2

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ. އޭނާ ވެސް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެންބަރުންނާ އެކު އޭނާ ވެސް މަޖިލީހަށް ވަދެފައިވާތީ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން އެވެ. ފުލުހުން އަމިތުގެ މައްޗަށް ކުރާ ތުހުމަތަކީ އޭނާ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް އިން ނިންމާފައި ވާތީ އާންމު މީހެއްގެ ގޮތުގައި ހުރެ އޭނާގެ މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ގޮޑީގެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

މި މަހުގެ 24 ވަނަ ދުވަހު ވެސް އަމީތު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ.

އަމީތު ހައްޔަރު ކުރި އިރު، ހަމަ އެ މައްސަލައިގެ ތުހުމަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑޭ ފުލުހުން ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. އާންމު މީހެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަތްކަމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ފުލުހުން ހައްޔަރު ކުރި ނަމަވެސް އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރު ނުބައިކޮށް އޮވެގެން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

މީގެ އިތުރަށް އެ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޕީ ފަލާހު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.