ދުނިޔެ

މަރުގެ އަދަބުގެ މައްސަލައިގައި ގަދަ ބަސް ބުނަމުން ދިޔަ އިންޑޮނީޝިއާ ހޫނު ފެނަށް!

Apr 16, 2015

މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ބޭރު ދުނިޔޭގެ ހަބަރުތަކުގެ ތެރެއިން އެންމެ ހޫނުވެގެން ދިޔަ އެއް ހަބަރަކީ އޮސްޓްރޭލިއާގެ ދެ މީހަކަށް އިންޑޮނީޝިއާގައި މަރުގެ އަދަބު ދޭން އުޅޭތީ އެ ދެ ގައުމުގެ ބޮޑު ކޯޅުންގަނޑެއްގެ ތެރެއަށް ގޮސްގެން އުޅޭ ވާހަކަ އެވެ. އެ މައްސަލަ ހޫނުވެގެން ގޮސް އެއް ގައުމުން އަނެއް ގައުމަށް ދީފައި ހުރި އެހީތަކާ ބެހޭގޮތުން "ކަލަ ގޮވި" އިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ބޭރުގެ ޖަމާއަތްތަކުން ވެސް ދަނީ އެ ދެ މީހުންގެ އަދަބު ލުއިކުރަން ގޮވާލަމުންނެވެ. އެކަމަކު އަދިވެސް އިންޑޮނީޝިއާ އޮތީ ގޮތް ދޫކުރާ ކަހަލަ ވިސްނުމެއްގަ އެއް ނޫނެވެ.

އޮސްޓްރޭލިއާގެ އެ ދެ މީހުން 2005 ގައި އިންޑޮނީޝިއާއަށް ޑްރަގް އެތެރެކުރި މައްސަލައިގައި އެ ދެ މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާއިރު އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވަނީ އެ ދެ މީހުންގެ މަރުގެ އަދަބު ލުއިކޮށް ނުދިނުމަށް ނިންމަވައިފަ އެވެ. އެހެންވެ ކޮންމެ ވަގުތެއްގައި ވެސް އެ ދެ މީހުންގެ މަރުގެ އަދަބު ތަންފީޒު ކޮށްފާނެތީ އޮސްޓްރޭލިއާ އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޑްރަގް މައްސަލަތަކުގައި މަރަން ހުކުމްކުރެވޭ މީހުންނަށް އަދަބު ލުއި ނުކުރުމަށް ރައީސް ވިދޯދޯ ކުރިން ވެފައިވާ ވައުދު ފުއްދުމުގައި ދެމި ހުންނަވަނިކޮށް ސައުދީ އަރަބިޔާގައި އިންޑޮނީޝިއާގެ އަންހެނަކަށް މަރުގެ އަދަބު ދިނުމާ އެކު ކުރިން ގަދަ ބަސް ބުނަމުންދިޔަ އިންޑޮނީޝިއާ މިވަނީ ރަތަށް އަރައިފަ އެވެ. އޮސްޓްރޭލިއާގެ ދެ މީހުންނަށް މައާފް ނުދިން މައްސަލައިގައި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ބޭރުގެ ގައުމުތަކުގެ ޕްރެޝަރު އިންޑޮނީޝިއާއަށް ބޮޑުވެފައި ވަނިކޮށް ކުރިން އެންގުމަކާ ނުލައި ސައުދީގައި އެ މީހާއަށް އިއްޔެ މަރުގެ އަދަބު ދިނުން ވެގެން ދިޔައީ ރައީސް ވިދޯދޯގެ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން" ކަހަލަ ކަމަކަށެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން 1999 ވަނަ އަހަރު ސައުދީގެ ގެއެއްގައި މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އޭނާގެ ސާހިބު މީހާ މަރާލި މައްސަލައިގަ މަރަން ހުކުމްކޮށްފައިވާ އިންޑޮނީޝިއާގެ އެ އަންހެން މީހާގެ އަދަބު ލުއިކުރަން ރައީސް ވިދޯދޯ ވަނީ ސައުދީގައި ކުރިން ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. އެކަމަށް ޖަވާބެއް ނުދީ އިއްޔެގެ ވަގުތެއްގައި ބޯ ބުރިކޮށްލައިގެން އެ މީހާއަށް މަރުގެ އަދަބު ދިނުމާ އެކު އިންޑޮނީޝިއާގައި ހުންނަ ސައުދީ ސަފީރު ވަނީ ވެރިރަށް ޖަކާޓާއަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

އެ މައްސަލައިގައި އިންޑޮނީޝިއާ ރަތަށް އަރާފައިވީ ނަމަވެސް ސައުދީން އެކަން ނަގަނީ ވަރަށް އާދައިގެ ގޮތަށެވެ. ސައުދީ ސަފީރާ އިންޑޮނީޝިއާ އިން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ "އެކަމުގައި ގޯސްކޮށް ހިނގީ ކޮން ކަމެއްތޯ ބަލާލާނެ" ކަމަށެވެ. އެކަމުގައި ސުވާލުކުރަން އޭނާ ހާޒިރު ކުރުމުން ވެސް "ހައިރާންވެފައިވާ" ކަމަށް ބުނެ ސައުދީ ސަފީރު އެކަމަށް ދިނީ ވަރަށް ފިނި ޖަވާބެކެވެ.

އޮސްޓްރޭލިއާ ދެ މީހުންގެ އަދަބު ލުއި ނުކުރާ މައްސަލައިގައި އެންމެ ބޮޑަށް ފާޑު އިންޑޮނީޝިއާ އަށް ފާޑު ކިޔަމުންދިޔައީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީންނެވެ. އެކަމަކު އިންޑޮނީޝިއާގެ އަންހެން މީހާގެ މައްސަލައިގައި އެ ޖަމާއަތުން ވެސް ވަނީ އެ ގައުމާ އެއްކޮޅަށް ނިކުމެފަ އެވެ. މިކަމަކީ ވެސް އޮސްޓްރޭލިއާ ދެ މީހުންގެ މައްސަލައިގައި ރައީސް ވިދޯދޯ ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާފާނެ ކަމަށް ބެލެވޭ ސަބަބެކެވެ. ނަމަވެސް އެ ދެ މީހުންގެ މައްސަލައިގަ ވަކި އެއްޗެއް އިންޑޮނީޝިއާއަކުން ނުބުނެ އެވެ.

ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު އިންޑޮނީޝިއާގައި މަރުގެ އަދަބު ދޭން ފަށާފައިވަނީ 2013 ގަ އެވެ. ބައިނަލްއަގްވާމީ ފަރާތްތަކުން ދެކޮޅު ހަދަމުން ދަނިކޮށް މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް އެ ގައުމުން ހަ މީހަކަށް މަރުގެ އަދަބު ދިންއިރު އޭގެ ތެރެއިން ފަސް މީހަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މަރުގެ އަދަބުގެ މައްސަލައިގަ ބޭރު ޖަމާއަތްތަކަށް ބީރު ކަންފަތެއް އިންޑޮނީޝިއާއިން ދިން ނަމަވެސް އެހެން ގައުމުތަކުގައި މަރަން ހުކުމްކޮށްފައި ތިބި އިންޑޮނީޝިއާގެ 200 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރަން އެ ގައުމުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ބަޑި ޖަހައިގެންނާއި ދަން ޖައްސައިގެން މަރުގެ އަދަބު ދެމުންދާ އިންޑޮނީޝިއާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންމެ ހަރުކަށި އަދަބު ދެމުންދާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގައުމުގައި މަރުގެ އަދަބު ދެވޭ މީހުންގެ އެންމެ ބޮޑު ނިސްބަތަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަން ހުކުމްކުރެވޭ މީހުންނެވެ.