ވިޔަފާރި

އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކުގެ ފައުންޑާއެއްގެ ގޮތުގައި ރާއްޖެ ހިމެނިއްޖެ

ޗައިނާގެ އިސްނެގުމަކަށް އުފައްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 57 ފައުންޑަ މެންބަރުންގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ގޮތަށް އެ ގައުމުތަކުގެ ނަން ރަސްމީކޮށް އިއްޔެ ފާސްކޮށްފި އެވެ.

ޔޫރަޕާއި އޭޝިއާގެ ނުފޫޒުގަދަ ގައުމުތައް ވެސް ފައުންޑަ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މި ބޭންކުގައި ބައިވެރިވާން އެމެރިކާ އާއި ޖަޕާނުން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

ދެކުނު އޭޝިއާ އިން އިންޑިއާ ވެސް ބައިވެރިވާ މި ބޭންކުގެ ފައުންޑާ މެންބަރުންނަށް ވުމަށް އެދޭ ގައުމުތަކަށް ހުޅުވާލި ފުރުސަތު މިހާރު ރަސްމީކޮށް ހަމަވެފަައި ވިޔަސް ޗައިނާގެ ވައިސް ފިނޭންސް މިނިސްޓަރު ޝީ ޔޯބިން ވިދާޅުވީ އޭއައިއައިބީ އަކީ އަބަދުވެސް ހުރިހާ ގައުމުތަކެއްގެ ބައިވެރިވުމަށް ހުޅުވާލާފައިވާ ބޭންކެއް ކަމަށެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް އަދި އޭޑީީބީ ފަދައިން މަސައްކަތްކުރާ 50 ބިލިއަން ޑޮލަރުުގެ ކެޕިޓަލަކާ އެކު މަސައްކަތް ފަށާ މި ބޭންކުގެ ފައުންޑާ މެންބަރުނަށް، ބޭންކުން އެހީ ދިނުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅޭނެ އެވެ.

"މި އަހަރުގެ ނިޔަލަށް އޭއައައައިބީ ފޯމް ވެގެންދާނެ. އޭގެ ކުރިން ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ބަލައިގަންނަން ފަށާނެ. ރާއްޖޭން ތައްޔާރުވަމުން ދަނީ ބިޔަ ޕްރޮޖެކްޓްތައް އޭއައިއައިބީއަށް ދީލާމުމަށް. އޭއައިއައިބީ ފެށިގެން އަންނައިރު ރާއްޖެއަކީ ބޯޑު މެންބަރަކަށް ވީތީ ބޭންކް ބައްޓަން ކުރުމަށް ވެސް އިސް ދައުރެއް ލިބޭ،" ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ބޭންކަކީ ޕްރައިވެޓް ސެކްޓާއަށް ވެސް އެހީވެދޭ ބޭންކެއް ކަމަށެވެ.

އޭއައިއައިބީގައި ރާއްޖެ ތަމްސީލް ކުރަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެވި އާރިފް ހިލްމީ އެވެ.