ބޮލީވުޑް

ދިލް ދަޅަކްނޭ ދޯ: ހުރިިހާ ރަހައެއް އެކުލެވޭ ފިލްމެއް

Apr 16, 2015

މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ޒޯޔާ އަޚްތަރު ތިން ވަނައަށް ޑައިރެކްޓްކުރި ފިލްމު "ދިލް ދަޅަކްނޭ ދޯ"ގެ ފުރަތަމަ ޓްރެއިލާ މިވަނީ މިހާރު އާންމުކޮށްފަ އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި އަނުޝްކާ ޝަރްމާ އާއި ރަންވީރު ސިންގް އަދި ފަރްހާން އަޚްތަރުގެ އިތުރުން މުހިންމު ރޯލުން އަނިލް ކަޕޫރު ފެނިގެންދާ މިފިލްމުން ބޮލީވުޑްގެ ގިނަ ފިލްމަތަކުން ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި ދައްކުވައިދިން ނަމަވެސް އެ ލޯބި ނިމުމަކަށް އައިސް މެހްރާ އާއިލާގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންތައްތަކުގެ ސަބަބުން ދިރިއުޅުމުގައި ހުންނަ އަޑި ގުޑަންތައް ވެސް ދައްކުވައިދެ އެވެ.

ދެ ހާސް އެގާރަ ވަނަ އަހަރު ނިކުތް ޒޯޔާގެ ކާމިޔާބު ފިލްމް "ޒިންދަގީ ނާމިލޭގީ ދޮ ބާރާ" އަށް ފަހު މިއަހަރުގެ ޖޫން ފަސް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމަށް ގިނަ ބަޔަކު އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ނެވެ.

އަނިލް ކަޕޫރް އާއި ޝެފާލީ ޝާހް ދެމަފިރިންގެ ގޮތުގައި ދައްކުވައިދޭ މިފިލްމުގައި އެމީހުންގެ ފިރިހެން ދަރިފުޅުގެ ރޯލުން ފެނިގެންދާ ރަންވީރު ސިންގް މީހަކާ ކައިވެނި ނުކޮށްގެން އެކަމާ ކަންބޮޑުވެގެން އުޚެ އެވެ، އަންހެން ދަރިފުޅުގެ ރޯލުކުޅޭ ޕްރިޔަންކާ ޗޯޕްޅާ އޭނާ އާއި ރާހުލް ބޯސްގެ ކައިވެނި ރޫޅާލަން ނިންމުމުން އެކަމާ ހިތްހަމަ ނުޖެހިގެން އާއިލާގެ ތެރޭގައި ހިނގާ ކަންތައްތަކެއް މިފިލްމުގައި ދައްކުވައިދެ އެވެ.

މައިންބަފައިންގެ މުއްސަނދި ކަމުގައި އުޅޭ ކަބީރް މެހެރާ ނަމަކަށް ކިޔާ ޒުވާނެއްގެ ރޯލުން ރަންވީރު ފެނިގެންދާއިރު، ކައިވެނީގައި ޖެހޭ މައްސަލަތަކުގެ ސަބަބުން އޭނާގެ ފިރިމީހާގެ ކިބައިން ވަރިވާން އެދޭ އައިޝާ މެހެރާގެ ރޯލުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

މިއީ މިދިޔަ އަހަރު ނިކުތް ފިލްމު "ގުންޑޭ"އަށްފަހު މިދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

ދަރިންގެ ދިރިއުޅުމުގެ ކަންތަކާ ބޯހާސްވުމުގެ ސަބަބުން އަނިލް ކަޕޫރު 10 ދުވަހުގެ ކްރޫޒް ޓްރިޕެއް ރާވަ އެވެ... މިދަތުރުގެ ތެރޭގައި ފެނިގެން ދާނީ ހީވެސް ނުކުރާ ކަހަލަ ގުޅުންތަކެއް އުފެދި ދިރިއުޅުމާމެދު ދެކޭ ހުވަފެންތަކެކެވެ.

ތުރުކީ އާއި ގްރީސްއަށް ދަތުރުކުރާ ލަގްޒަރީ ކްރޫޒް ލައިނާ އެއްގައި ނަގާފައިވާ ހިތްގައިމު މަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރަންވީރު އާއި މިކްރޫޒްއިން ދިމާވާ އަނުޝްކާ ޝަރްމާ އާއި ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވާއިރު، ޕްރިޔަންކާ އާއި އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ ފަރްހާން އަޚްތަރު އާއި ދިމާވެގެން ޕްރިޔަންކާގެ ހިތް އޭނާގެ މައްޗަށް ލެނބޭ ގޮތުން ނެވެ.

ޔޫރަޕް ގައުމުތަކުގެ ތެރެއިން ފްރާންސް، އިޓަލީ، ސްޕެއިން، ޓޫނީޝިއާ އާއި އިޓަލީގެ އިތުރުން އިންޑިޔާގެ މުމްބާއީގެ ހިތްގައިމު މަންޒަރު ތަކުގެ އިތުރުން ބަދަލުވަމުންދާ ތަސްވީރުތަކާއި ފިލްމުގެ ބޮޑެތި ބެކްޑްރޮޕްތައް ކިތަންމެހާވެސް ރަނގަޅަށް މިފލްމަކީ ލޯބީގެ އެކި އަސަރުތައް ހިމެނޭ ފިލްމެއްކަން ވަރަށް ރަނގަޅަށް ހާމަކޮށްދެ އެވެ.

ފަހަރުގައި މިއީ މިއަހަރުގެ ތެރޭގައި ނިކުންނަ އެންމެ ޑްރެމެޓިކް ފިލްމަށްވުން އެކަށީގެންވެ އެވެ.

މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޒޯޔާގެ ކޮއްކޮ އެކްޓަރު ފަރްހާން އަޚްތަރް އާއި ރިތޭޝް ސިދްވާނީ އެވެ.

ފިލްމު ޓްރެއިލާ: