ހަބަރު

ފާރިސް މަޖިލީހަށް ގެންދަން ޝަރީއަތް މެދުކަނޑާލައިފި

ޝަހުސު އޮޅުވާލި ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ކްރިމިނަލް ކޯޓްގައި ކުރިއަށް ދާ އަޑުއެހުންތައް އޭނާ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދިފައި ވާތީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން މެދުކަނޑާލައިފި އެވެ.

މިއަދު ބޭއްވި އަޑުއެހުމަކީ ދައުވާއާ ގުޅޭ ގޮތުން ފާރިސް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. ޖަވާބުދާރީވުމަށް ފާރިސްއަށް ޝަރީއަތުން ފުރުސަތު ފާރިސްއަށް ދެއްވުމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަކީ ފާރިސްއަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ހަމައެކަނި ފާރިސްގެ ހައްގެއް ނޫން ކަމަށާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ވެސް އެކަމުގައި އެކުލެވޭ ކަމަށެވެ.

މައުމޫން ވިދާޅުވީ، ގާނޫނުން ފާރިސްއަށް މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ޝަރީއަތް ވެސް ބާއްވައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ފާރިސްއަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް ޝަރީއަތް ފަސްކޮށްދޭން މައުމޫން އެދިވަޑައިތެވެ.

އެގޮތަށް މައުމޫން ހަމީދު އެދިވަޑައިގަތުމުން ގާޒީ އިބްރާހިމް އަލީ ވަނީ އެކަމުގައި ދައުލަތުން ދެކޭ ގޮތް އައްސަވާފަ އެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަމުގައި ދައުލަތުން ބުނާ އެއްޗެއް ނެތް ކަމަށެވެ.

ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ކޯޓުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ގާނޫނު އަސާސީ ނަގަހައްޓަން ކަމަށެވެ. އެއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. ފާރިސްގެ ޝަރީއަތް މިއަދަަށް ތާވަލުކޮށްފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނަކަން ނޭނގި ކަމަށާއި އެކަން ފާރިސްގެ ފަރާތުން ވެސް ކޯޓަށް އަންގާފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދިޔުމަށް ކޯޓުން ހުރަހެއް ނާޅާނެ ކަމަށާއި މަޖިލީހަށް ދެވޭނެ ފުރުސަތު އޮތްނަމަ ވަޑައިގަތުމުން މައްސަލައެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް ފާރިސް މަޖިލީހަށް ހާޒިރުކުރުމަކީ ކޯޓުގެ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ކަރެކްޝަން ސާވިސްއިން ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ފުރުސަތު ފާރިސްއަށް ދިނުމަށްފަހު ދެން އަޑުއެހުން ބާއްވާނީ މިއަދު ހަވީރު 5:00 ގަ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ މަޖިލީހަށް ހާޒިރުކުރަން އަދި ކަރެކްޝަންސް އަކުން ނިންމާފައެއް ނުވެ އެވެ.

މަޖިލީހިގެ ޕެޓިޝަން ކޮމިޓީ އިން ނިންމާފައި ވަނީ އޭނާ އަކީ އެ ކޮމިޓީގެ މެންބަރަކަށް ވާތީ ފާރިސް އެ ކޮމިޓީގެ ޖަލްސާއަށް ހާޒިރުކޮށްދެން ދެން ކޮމިޓީ ކުރިއަށް ނުގެންދިޔުމަށެވެ. ފާރިސް ހާޒިރުކޮށްދެން ދެން ކޮމިޓީގެ ބައްދަލުވުންތައް އޮތީ މެދުކަނޑާލައިފަ އެވެ.

ފާރިސް ހައްޔަރު ކޮށްފައި ހުރީ އޭނާ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އޭނާގެ މައްޗަށް ކުރާ އެ ތުހުމަތުގެ ތަހުގީގު ނިންމައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.