ޓެކްނޯލޮޖީ

ވާވޭގެ އާ ފޯނުގައި "ޕްރޮފެޝަނަލް" ކެމެރާއެއް

Apr 16, 2015

މޮބައިލް ފޯނުގެ ވިޔަފާރީގައި ކުރި ހޯދާފައިވާ ކުންފުނިތަކަށް ބިރެއްގެ ގޮތުގައި ބެލެވިފައިވާ ޗައިނާގެ ވާވޭ އިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ދައްކާލައި އަނެއްކާވެސް އެހެން ކުންފުނިތަކަށް ބިރު ދައްކައިފި އެވެ.

ވާވޭ އިން މިފަހަރު ނެރުނު "ޕީ8" ފޯނުގައި ހިމަނާފައިވާ ކެމެރާ އިން ނަގާ ފޮޓޯ ޕްރޮފެޝަނަލް ކެމެރާއަކުން ނަގާފައި ހުންނަ ފޮޓޯއަކާ ތަފާތެއް ނުހުންނާނެ ކަމަށް ބުނެ އެވެ. އެ ކުންފުނިން ބުނީ މި ކުރިއެރުން ގެނެސްފައި ވަނީ އެޑްވާންސް ސެންސަތަކާއި އޮޕްޓިކް އިމޭޖް ސްޓެބިލައިޒޭޝަންގެ އެކުލެވުންތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ރޭގަނޑު "ލައިޓް ޕެއިންޓިން" މޯޑްގައި ޕްރިވިއުއާ އެކު ފޮޓޯ ނެގެ އެވެ.

ލައިޓް ޕެއިންޓިން ފޮޓޯގެ އިތުރުން ލޯ ލައިޓް ނުވަތަ އަލި މަޑޫ ތަންތަނުގައި ވެސް، ރީތި ފޮޓޯ ނެގޭނެ ކަމުގެ ޔަގީންކަން ވާވޭ އިން ދެ އެވެ.

މި ފޯނުގެ ދެ ސައިޒެއް ލިބޭނެ އެވެ. ބޭސިކް ސައިޒަކީ 5.2 އިންޗި އެވެ. ބޮޑު ސައިޒުގައި 6.8 އިންޗި އެވެ. މި ދެ ފޯނުގައި ވެސް ވަނީ 13 މެގަޕިކްސެލްގެ ކެމެރާ އެވެ.

ވާވޭ އިން އެންމެ ބޮޑަށް ފާހަގަކުރަނީ އަލި މަޑު ތަންތަނުގައި ވެސް މި ފޯނުން ރީތި ފޮޓޯ ނެގުމެވެ. އެގޮތުުން ޝަޓަ ވަރަށް ބޮޑަށް ސްލޯކޮށްލެވޭނެ ކަމަށާއި އެހެންވެ އަނދިރިޔަސް ސާފު ރީތި ފޮޓޯ ނެގޭނެ ކަމުގެ ޔަގީންކަން ދެ އެވެ. އަދި ވީޑިއޯކުރާއިރު ވެސް މާހައުލަށް އެންމެ އެކަށީގެންވާ ސެޓިން އަމިއްލަ އަށް ދެނެގަނެ އާދަޔާ ހިލާފް ރީއްޗަށް ވީޑިއޯކޮށްލެވޭނެ ކަމަށް ބުނެ އެވެ.