ހަބަރު

ނަދީމާއި އަނަސްގެ މަރާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ވަޅިން ހަމަލާ ދިނުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މަރުވި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމާއި ރޭ މަރާލި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސްގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އަންސްއާ ނަދީމްގެ މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ "އަވަސް" އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ކުރިޔަށް ދާ ކަމަށް ފުލުހުން ބުންޏެވެ.

ނަދީމް މަރުވެފައި ވަނީ ހެންވޭރުގައި ހުންނަ، ޓާމިނަލް ކެފޭގައި ބަޔަކާއިއެކު ކޮޕީއެއް ބޯން އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭޑީކޭގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެނާ އޭޑީކޭގައި އޮތް އިރުވެސް ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ. އޭނާއަށް ހަމަލާ ދިނީ ހަތަރު މީހަކުވެގެން ކަމަށާއި އެ މީހުން ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ ފިލާފައިވާ ކަމަށް އަޑުފެތުރިފައިވެ އެވެ. އަނަސް މަރާލީ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުއްޓަ އެވެ. އޭނާއަށް ހަމަލާ ދީން މީހުން
ވެސް ވަނީ ފިލާފަ އެވެ.

ފަހަކަށް އައިސް މާލޭގައި މާރަމާރީއާ ވަޅިން ހަމަލާ ދިނުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.