ލައިފްސްޓައިލް

ބޭޑްލެބް މިސްޓަ މޯލްޑިވްސްގައި 25 ބައިވެރިން

"މިސްޓަ މޯލްޑިވްސް" އަކީ ބޮޑީ ބިލްޑިންޑަރުގެ ހުވަފެނެކެވެ. އެހެންވެ މި މުބާރާތުގެ ފެންވަރު ރަނގަޅު ކުރަން އިވެންޓް ރާވާ "ޗޮޕާޓުން" ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. މިގޮތުން މި އަހަރުގެ މުބާރާތް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާއިރު މި އަހަރު ޖުމުލަ 25 ބައިވެރިން ވާދަކުރާނެ އެވެ.

ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) "އަވަސް" އަށް ވިދާޅުވީ މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާއިރު މި އަހަރު ތަފާތު ވާނެ ކަމަށެވެ.

"އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން ހުރިހާ ބައިވެރިންވާ ވެސް މިވަނީ ބައްދަލުކޮށްފަ. މި ބައްދަލުވުމުގައި މުބާރާތާ ބެހޭ ގޮތުން ބައިވެރިން ބޭނުންވާ މައުލޫމާތު ވެސް ވަނީ ސާފުކޮށް ދީފައި،" މިހުސޯ ވިދާޅުވި އެވެ.

ބޮޑީ ބިލްޑިންގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އާޓްގެލަރީގަ އެވެ.

މި މުބާރާތުގައި ދެ ބައެއް އޮންނާނެ އެވެ. މީގެތެރޭގައި ހިމެނެނީ ބޮޑީ ބިލްޑިން ކެޓަގަރީއަކާއި ފިސީކް ކެޓަގަރީ އެވެ. އެގޮތުން "ބޮޑީ ބިލްޑިން ކެޓަގަރީ"ގެ އެއްވަނަ އަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި "ފިސީކް ކެޓަގަރީ" ގެ އެއްވަނައަށްދާ މީހަކަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އޭޑީކޭ އިން ވިއްކާ "ބޭޑްލެބް" ބްރޭންޑުގެ ކޮސްމެޓިކްސް އެވެ.