ލައިފްސްޓައިލް

ނަފުސުގެ ފައިދާއަށް އެކަނި ވަގުތު ހޭދަކުރަން ޖެހޭ!

Aug 2, 2017

މިއަދުގެ ބުރަ އަދި ބިޒީ ދިރިއުޅުމުގައި ނުލިބޭ އެއްޗަކީ މިއީ އެވެ. ހެނދުނު ހޭލާ ގޮތަށް ދުވަހުގެ މަސައްކަތްތަކާއެކު "ސިސްޓަމް" ހުޅުވާ ގޮތަށް ރޭގަނޑު ނިދަންދެން ހުންނަނީ ހިނގަ ހިނގަ އެވެ. އޮފީހަށް ގޮސްފައި ގެއަށް އައިސް ކުދިންގެ ކަންތަކާއި ފިރިމީހާގެ ކަންތަކާއި ގޭތެރޭގެ ކަންތައްތަކުން އަވައްޖެއްވާއިރު ގަޑީގެ ކަށި އެނބުރެމުން ގޮސް އޮންނަނީ ދުވަހެއް ނިމުނުކަން އިއުލާނުވެފަ އެވެ.

އެންމެ ވަގުތުކޮޅެއްވެސް ހުސްކޮށް އަދި އެކަނި މާއެކަނި ހޭދަނުކުރެވެނީ އެވެ. ވަގުތެއް ނުވެސް ވަނީ އެވެ. ބައެއް ފަހަރު ބޭނުންވެސް ނުވަނީ އެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މީހުންނާ އެކަހެރިވެ އެކަނި މާއެކަނި ވަގުތު ހޭދަކުރާނަމަ އެއީ ސްޓްރެސްވެ ދުނިޔެމަތިން ފޫހިވުމުގެ އަލާމާތެއް ކަމަށެވެ. އެކަމަކު ގާތް ބައެއް މީހުން އަބަދުވެސް މި ވާހަކަ ދައްކައެއް ނޫން ހެއްޔެވެ؟ އެކަނި ވަގުތުކޮޅެއް ހޭދަކުރަން ޖެހޭ ވާހަކަ އެވެ. ގިނަ ފަހަރަށް އެއް ކަންފަތުން ވަދެފައި އަނެއް ކަންފަތުން އެ ވާހަކަތައް ނުކުމެގެން ދަނީ އެވެ.

ވަގުތެއް ނެތް ކަމަށް ބުނެ ތި ދައްކާ ބަހާނާތައް ހުއްޓާލާށެވެ. ސައުވީސް ގަޑިއިރުގެ ތެރެއިން އެންމެ 30 މިނެޓުވެސް ނުލިބޭނެ ހެއްޔެވެ؟ އެހާވެސް ބިޒީ ހެއްޔެވެ؟ ވަގުތަކީ ހޯދުމުން ލިބޭ އެއްޗެކެވެ. ޝެޑިއުލްއަށް ކުޑަކުޑަ ބަދަލެއް ގެނެސްގެން ވެސް އެންމެ މަދުވެގެން 30 ވަރަކަށް މިނެޓު ހުސްކޮށްލާ އެކަނި ހޭދަކޮށްލާށެވެ.

ހަގީގަތުގައި ސްޓްރެސް ފިލުވާލާ މީހާ ހަމައަކަށް އަޅުވާލަންވެސް އެއަށްވުރެ ރަނގަޅު ފަރުވާއެއް ނެތެވެ. މޫދު ފެންނަ ހިސާބަކަށް ނުކުމެލާ އެކަނި މާއެކަނި އިނދެ ގުދުރަތީ ރީތި ހިތްގައިމު މަންޒަރުތަކުން އުފާ ހޯދާލާއި ހިންހަމަ ޖެހިލައިގެން ވިސްނާލާށެވެ. ހިތަށް ހަމަޖެހުން ލިބި ރަނގަޅު ހިޔާލުތައް ވިސްނޭނެ އެވެ.

އެކަނި ވަގުތު ހޭދަކުރުމަކީ ބައެއް މީހުން "އަންކޮމްފޮޓަބަލް" ވާކަމެއްވެސްމެ އެވެ. ސަބަބެއް ކަމަށްވަނީ އާކުރަން ބޭނުން ނޫން ހަނދާންތަކެއް އާވެ ހިތުގެ އެއްކަނެއްގައި ރައްކާކޮށްފައި ހުރި ހިތި ހަނދާންތަކެއްގައި ޖެހި ހިތަށް ލިބިފައި ހުރި ޒަހަމްތައް އަލުން ފުންވެ އެއިން ލޭ ހިލެން ފެށުމެވެ. ނިމުމެއް ނެތް ކަރުނަތަކެއް އެންމެ ގާތް އެކުވެރިއަކަށް ވެދާނެތީ އެވެ. ގަބޫލު ކުރާށެވެ. އެއީ މައްސަލައެއް ނޫނެވެ. ކަންތައްތަކާއި މާބޮޑަށް ވިސްނާނެ ކަމެއް ނެތެވެ. ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ އެވެ.