ހަބަރު

ޕެޓިޝަން ކޮމިޓީން ފާރިސް ވަކި ކުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވަކިކުރެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ޕެޓިޝަން ކޮމިޓީން މިދިޔަ ހޯމަ ދުވަހު ނިންމާފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނެވި ފާރިސް އެ ކޮމިޓީއަށް ހާޒިރުކޮށް އޭނާއާއެކު ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށެވެ. އެ ކޮމިޓީން އެގޮތަށް އެދިފައި ވަނިކޮށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އެދިވަދައިގަތުމުގެ މަތިން މިއަދު ވަނީ ފާރިސް ޕެޓިޝަން ކޮމިޓީން ވަކިކޮށްފަ އެވެ. އަދި ފާރިސްގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަން ކުރައްވާފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ. އެކަމާ ގުޅިގެން ނިހާން އަދި މަޖިލީހުގެ އިދާރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ނަމަވެސް "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޕެޓިޝަން ކޮމިޓީގައި ފާރިސް އިންނަވަނީ ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ނަމަ އެ ޕާޓީގެ ޕީޖީ ގްރޫޕުން އެންގުމުން އޭނާ ވަކިވާނެ ކަމަށެވެ.

"ޕެޓިޝަން ކޮމިޓީގައި ފާރިސް އިންނަވަނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ހައިސިއްޔަތުން ނަމަ އޭނާ ވަކިއެއް ނުކުރެވޭނެ. ޕެޓިޝަން ކޮމިޓީން ފާރިސް ވަކިކޮށްފައިވާ ކަމަށް މަޖިލީހުން އަންގާފަ އެއް ނުވޭ،" ޝާހިދު ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީން ފާރިސް ވަކިކުރަން ޕީޕީއެމް އިން އަންގާފައިވީ ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު 13 ވަނަ ދުވަހު އެ ޕާޓީން ވަނީ ފާރިސް ވަކިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް ނަން އުނިކޮށްފަ އެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރި މައްސަލައެއްގައި ޝަހުސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗައްކޮށް ޝަރިއަތްތައް ވެސް ފަށައިގެން ކުރިޔަށް ދެ އެވެ.

ޕެޓިޝަން ކޮމިޓީއަށް ފާރިސް ހާޒިރު ކުރަން އަންގާފައިވީ ނަމަވެސް ކޮމެޓީއަށް ހާޒިރުނުކޮށް ފާރިސް ވަނީ މާފުށީ ޖަލަށް އަނބުރާ ގެންގޮސްފަ އެވެ. ފާރިސް ޖަލަށް ގެންގޮސްފައި ވަނީ ކުރިމިނަލް ކޯޓުން އޭނާ މަޖިލީހަށް ގެންދިޔުމަށް ހުއްދަދީ، އެކަމަށް ފުރުސަރު ދިނުމުގެ ގޮތުން ޝަރީއަތް ވެސް މެދުކަނޑާލާފައިވަނިކޮށެވެ.