ވިޔަފާރި

އެމްޓީޑީސީގެ އާމްދަނީ އެއް މިލިއަން ޑޮލަރަށް ވެއްޓިއްޖެ!

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާމްދަނީ ދަށްވަމުން ގޮސް އެންމެ ފަހުން އެއް މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް ފުރަތަމަ ހަ މަސް ދުވަހުގެ ހިސާބުތަކުން ދައްކައިިފި އެވެ.

ޓޫރިޒަމް ފައްކާ ކުރުމަށް ސަރުކާރުން އުފެއްދި އެމްޓީޑީސީގެ ފުރަތަމަ ހަ މަސް ދުވަހު (ދެ ވަނަ ކުއާޓަރު) ގެ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މި ކުއާޓަރުގައި އާމުދަނީގެ ގޮތުގައި ލިބިފައިވަނީ މިލިއަނެއްހާ ޑޮލަރެވެ. އެ ކުންފުނީގެ އާމްދަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެއް ވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ފުރަތަމަ ކްއާޓަރުގެ އާމްދަނީ 2.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެ ކުންފުންޏަށް މި ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 434,655 ޑޮލަރު (ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާ) އެވެ. ނަމަވެސް މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 424،546 ޑޮލަރު (6.5 މިލިއަން ރުފިޔާ) އެވެ.

އެމްޓީޑީސީގެ އާމްދަނީ ދަށްވެފައިވާއިރު އެ ކުންފުނީގައި އޮތް ހަމައެކަނި ރަށް ކަމަށްވާ ދ. ނިޔާމަ މޯލްޑިވްސް ރިސޯޓް ވަނީ މި އަހަރު ވިއްކާލާފަ އެވެ.