ވިޔަފާރި

މޮބައިލް އެޕްލިކޭޝަން ނެރެ، މީރާ ޑިޖިޓަލް ކޮށްލައިފި

ރަޖިސްޓްރީނުކޮށް ފަސޭހަކަމާއެކު ފައިސާ ދެކޭ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށް، ރާއްޖޭގައި ޑިޖިޓަލްކޮށް އާކޭވް ބަލަހައްޓަން ފެށި ފުރަތަމަ އޮފީހެއްގެ ގޮތުގައި މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ، މީރާ އިން ތައާރަފުކުރި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސްގެ ގިނަ މައުލޫމާތުތައް ހޯދުމާއި ބައެއް ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

މީރާ އިން މީގެ އިތުރުން ވަނީ އެ އޮތޯރިޓީއަކީ ޑިޖިޓަލްކޮށް ހިދުމަތް ދޭ އޮފީހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. ޑިޖިޓަލް ކުރުމާއެކު މީރާ އިން ބޭނުންކުރާ ހުރިހާ ލިޔެކިއުންތަކެއް ޑިޖިޓަލްކޮށް ރައްކާ ކުރެވިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ މިރާއިން ނަގާފައި މިވަނީ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރިހާ ލިޔެކިއުމެއް ޑިޖިޓަލްކޮށް ބަލަހައްޓަން ފެށި ހަމައެކަނި އޮފީހަކީ މީރާކަން ޝާތިރު ފާހަގަ ކުރެއްވި އެވެ.

މީރާ އިން ދޭ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، އޮންލައިންކޮށް ފައިސާ ދެއްކުމަށް "މީރާ ކަނެކްޓް" ގެ ނަމުގައި ވެސް ހިދުމަތެއް ދަނީ ދެމުންނެވެ. އަދި ޓެކްސް ދެއްކުމަށް ހާއްސަކޮށް "ވާރު" ގެ ނަމުގައި ކާޑެއްވެސް ތައާރަފުކޮށްފައިވެ އެވެ.