ވިޔަފާރި

"ދައުލަތަށް ލިބެން ނުޖެހޭ ފައިސާ ހޯދާކަށް ނޫޅެން"

  • ވިޔަފާރި ތަކަށް ގިނަ ލުއިތަކެއް ހޯދައި ދީފި
  • ޓެކްސް ދައްކާ ފަރާތްތަށް ތަފާތު ކުރުމެއް ނުގެންގުޅޭ
  • އެންފޯސް ކޮށްގެން ފަސް ބިލިއަނެއްހާ ރުފިޔާ ހޯދައިފި

ދައުލަތަށް ލިބެން ނުޖެހޭ ފައިސާއެއް ހޯދަން މަސައްކަތް ކޮށްފައިނުވާނެ ކަމަށް ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރު ޖެނެރަލް، ޔަޒީދު ވިދާޅުވީ މީރާގެ މަސައްކަތްތަކަކީ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން އެންސްފޯސްމަންޓް ޕޮލިސީގެ ދަށުން ވެސް ފައިސާ ހޯދުމުގެ މަސައްކަތް ކުރެ އެވެ.

ޔަޒީދު ވިދާޅުވީ އެންފޯސްކޮށްގެން ފައިސާ ހޯދުމުގެ ބޭނުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމަށް ކަމަށެވެ.

"މީރާގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަަކައި ދަންނަވަން. މީރާގެ މުވައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަމާޒަކީ އޮޑިޓް ކުރުން ކަމުގައި ވިއަސް ނުވަތަ ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއް ވިއަސް ދައުލަތަށް ހޯދަން މަސައްކަތް ނުކުރުން،" ޔަޒީދު ވިދާޅުވި އެވެ.

"އެހެންކަމުން ވަރަށް ޔަގީންކަމާއެކު ދަންނަވާލާނީ ބަޔަކު ކޮންމެއެއްޗެކޭ ކިޔަސް ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއް ވެސް ހޯދުމަށް މީރާ އިން މިހާތަނަށް މަސައްކަތް ކޮށްފައެއް ނުވާނެ."

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރުހުމުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ އެންފޯސްކޮށްގެން ފަސް ބިލިއަނެއްހާ ރުފިޔާ ވަނީ ހޯދިފަ އެވެ.

ކޮމިޝަނަރު ޔަޒީދު ވިދާޅުވީ ހަތް އަހަރު ފާހަގަކުރާއިރު މި ކާމިޔާބީތައް ލިބެނީ މުވައްޒަފުންގެ މަސައްކަތުން ކަމަށާއި މީރާ އިން ހަތް އަހަރު ތެރޭގައި ގިނަ ކާމިޔާބުތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުއިތަކެއް ދެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

"މީރާ އިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭން ހުރި ލުއިތަށް ބަލައި އެ ލުއިތައް މިދަނީ ދެމުން. މިގޮތުން ފާއިތުވެދިޔަ އަހަރު ޓެކްސްއާ ގުޅުންހުރި އިންތިޒާމުތައް އަދާކުރުމުގައި ގިނަ ލުއިތަކެއް ވަނީ ދެވިފައި. އަދި ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މައާފު ކުރުމުގެ މަސައްކަތްތަކެއް ވެސް ވަނީ ކުރެވިފައި،" ޔަޒީދު ވިދާޅުވި އެވެ.

އިތުރަށް ޔަޒީދު ވިދާޅުވީ "ވާރު ޕޭ" ގެ ނަމުގައި އިތުރު ހިދުމަތް ތަކެއް މިދިޔަ އަހަރު ތައާރަފު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"މީރާގެ މޮބައިލް އެޕްލިކޭޝަންގެ ސަބަބުން ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަތަކެއް ލިިބިގެންދާނެ."