ލައިފްސްޓައިލް

މިސް ޔުނިވާސްގައި މުސްލިމް އަންހެނަކު ތާރީހުގެ ތެރެއަށް

Aug 6, 2017
9

މިސް ޔުނިވާސް ނުވަތަ ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު ހޯދަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ އެވެ. އެތައް ބަޔަކަށް ބެހިގެންދާ އެ މުބާރާތުގައި ކޮންމެ ބައިވެރިޔަކުވެސް ބައިވެރިވެ އެ މީހެއްގެ ރީތިކަން ހާމަކުރަމުންދެ އެވެ. މުސްލިމް އަންހެނުންވެސް އެ މުބާރާތުގައި މަދުން ނަމަވެސް ބައިވެރިވެ އެވެ. ވަކި ދީނެއްގެ މީހަކަށްވާތީ ވަކި އިސްތިސްނާއެއް ނުވަތަ ވަކި ތަފާތު ކަމެއް މުބާރާތުގައި ނޯވެ އެވެ.

އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ ރީތީގެ ރާނީ މުނާ ޖަމާ މިވަނީ އެ މުބާރާތުގައި ތަފާތެއް ދައްކާލާފަ އެވެ. މުނާ އަކީ މުސްލިމް އަންހެނެކެވެ. ސްވިމިން ސޫޓް ޕޯޝަންގައި ބިކިނީގައި ދައްކާލަން ޖެހޭ ފަހަރު އޭނަ އައީ ފައިގެ ކަށިމައްޗާ ހިސާބަށް އަންނަ ވަރުގެ ދިގު ހެދުމެއް ލައިގެންނެވެ. ސުވިމިން ސޫޓުގައި ދައްކާލަން ޖެހޭ ބަޔަށް ދިގު ހެދުމެއް ލައިގެން އަރަން މުނާއަށް ހުއްދަ ދީފައިވަނީ މުބާރާތުގެ އިސްވެރިންގެ ދިގު ދެމިގެންދިޔަ ބައްދަލުވުން ތަކަކަށް ފަހުގަ އެވެ.

މުނާ ހުރީ ހުއްދަ ނުލިބިއްޖެ ނަމަ އެ ބުުރުގައި އޭނަ ބައިވެރި ނުވާން ނިންމައިގެންނެވެ. އޭނާއަކީ މުސްލިމް އަންހެނަކަށްވާތީ އެހާ ހާމަކަން ބޮޑު ގޮތެއްގައި ދާން އޭނަ ބޭނުން ނުވީ އެވެ.

މިއީ މިސް ޔުނިވާސް މުބާރާތެއްގެ ސްވިމިން ސޫޓު ބައިގައި ދިގު ހެދުމެއް ލައިގެން މީހަކު ދިޔަ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިއީ މިސް ޔުނިވާސްގެ ތާރީހީ އަހަރަކަށް ވާނެ އެވެ.

"އަހަރެން ބީޗުގައިވެސް ބިިކިނީ ލައިގެން ނޫޅެން. އެހެން ވީމަ މިފަދަ މުބާރާތެއްގައި މާކްސް ހޯދާކަށް އެފަދަ އެއްޗެއް ލާކަށް ބޭނުމެއް ނޫން،" ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މުނާ ބުނެފައިވެ އެވެ.

އެފަދަ ހެދުމެއްގައި ހިތްވަރާއެކު އެއްވެސް ޖެހިލުމެއް ނެތި މުނާ ފެނިގެން ދިއުމުން ގިނަ ބަޔަކުވަނީ އޭނައަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

މިސް ޔުނިވާސް ގެ އެ ޕޯޝަންގައި ބައިވެރިވުމަށްފަހު މުނާ އޭނާގެ އިންސްޓަގްރާމަށް ލީ ފޮޓޯއަކާއެކު ބުނެފައިވަނީ ކޮންމެ މީހަކަށްވެސް ކުރަން ބޭނުންވެއްޖެ ނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށާއި މިއަދު އެކަން އޭނައަށް ސާބިތުކުރެވިއްޖެ ކަމަށެވެ.