ލައިފްސްޓައިލް

ދެމަފިރިން އެންމެ ގިނައިން ޒުވާބުކުރަނީ ގަޑިޖެހޭ މައްސަލައިގައި!

Aug 6, 2017

"އަވަސް ކޮށްބަލަ ގަޑި ޖެހެނީ އޭ. މިއަދުވެސް ދެވޭނީ ގަޑި ޖެހިގެން،" ތިއިން ކޮންމެ ދެމަފިރިއެއްގެ ވެސް ދުވަސް ފެށެނީ މިހެން ދޯ އެވެ. މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ގަޑިއަށް ތަންތަނަށް ދިއުމަކީ ގިނަ ދިވެހިންގެ ކިބައިގައި ހުންނަ އާދައެއް ނޫނެވެ. ގަޑި ނުޖެހި އޮފީހަށްދާ ގިނަ މީހުންނަށްވެސް ސައިން އިން ވެވިފައި އާންމުކޮށް ހުންނަނީ ފަހު މިނެޓުގަ އެވެ.

ދެމަފިރިން ޒުވާބުކުރުމާ ބެހޭގޮތުން ރެސްކިއު ރެމެޑީން ދާދިފަހުން ކޮށްފައިވާ ދިރާސާއިންވެސް ދައްކާގޮތުގައި އެންމެ ގިނައިން ދެމަފިރިން ޒުވާބު ކުރަނީ ގަޑިޖެހޭ މައްސަލައިގަ އެވެ. އެ ދިރާސާއިން ދައްކާގޮތުގައި އަހަރަކު 30 ފަހަރު އެ ޒުވާބު ދެމަފިރިން ކުރެ އެވެ. އަދި އެންމެ ފާހަގަވާ އެއްކަމަކީ އެކަމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަންހެނުން ކަމަށްވާތީ އެވެ.

"އަހަރުމެން ކޮންމެ ދުވަހަކުހެން ހެނދުނު ތިކަމާ ޒުވާބު ކުރަން ޖެހޭ، އޭނަ ތެދުވާނީ ގަޑިޖެހެން 15 މިނެޓަށް ވީމަ. ދެން ތެޅިފޮޅިގެން ކިރިޔާ ދެވޭނީ، އެކަމަކު އެ ދުވަހެއްގައި ގަޑިޖެހިއްޖެޔާ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ މަ. އެންމެ ފަހު ވަގުތު ލޯގަނޑު ބަލައިލަން މަޑުކޮށްލި ނަމަވެސް. ނޫނީ އެ ދިމާލަށް ބަަލައިލީތީވެސް ލަސްވީ އޭ ކިޔާފައި،" ގަޑިޖެހިގެން ފިރިމީހާ އާ ދެމެދު ޖެހޭ މައްސަލަ ހިއްސާކުރަމުން ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ގަޑިޖެހޭ މައްސަލައިގައި ފިރިހެނުންގެ ދިފާއުގައި ދައްކާ ވާހަކައަކީ ގަޑިޖެހެނީ އަންހެނުން ތައްޔާރުވާން ގިނަ ވަގުތު ނަގާ ކަމެވެ. ބާޒާރުކޮށްލަން ދާންވެސް އަންހެނުން ތައްޔާރުވާން ނަގާ ވަގުތުގައި ބޭރަށް ގޮސް ކޮފީއެއް ބޯލައިގެންވެސް އާދެވޭނެއޭ ފިރިހެނުން ބުނެ އެވެ. އެހެންވެއްޖެނަމަ ޕާޓީއަކަށް ނުވަތަ ހާއްސަ ރަސްމިއްޔާތަކަށް ދާން އަންހެނުން ތައްޔާރުވާން ވަގުތު ބޭނުންވާނެ ވަރު އަންދާޒާނުކުރެވޭ ކަމަށް ފިރިހެނުން ބުނެ އެވެ.

ރެސްކިއު ރެމެޑީގެ ދިރާސާގައި އިތުރަށް ބުނެފައިވަނީ ޗުއްޓީއަށް ތަނަކަށް ދާން އުޅުނަސް އަދި ޗުއްޓީ ނިންމާފައި އަންނަން އުޅޭއިރު ވެސް އަންހެނުން މާ ކުރިން ތައްޔާރުވާ ކަމަށެވެ. އަންހެނުންނާ ހިލާފަށް ފިރިހެނުން ތައްޔާރުވަނީ އެންމެ ފަހުވަގުތުގަ ކަމަށެވެ.

އެ ދިރާސާގައި 2،000 އެއްހާ މީހުންނާއި ސުވާލުކޮށްފައިވާއިރު، 65 ޕަސެންޓް އަންހެނުން ބުނެފައިވަނީ އެމީހުންގެ ބައިވެރިންނަށް ވުރެ މާ ތަރުތީބުވެފައި ގަޑިއަށް ފަރުވާތެރިވާ ކަމަށެވެ. އަދި 55 ޕަސެންޓް ފިރިހެނުން ވެސް ބުނެފައިވަނީ އެމީހުން ގަޑިއަށް ފަރުވާތެރި ކަމަށެވެ.