ވިޔަފާރި

އުރީދޫގެ ހިއްސާ އެމްއެސްޑީ އެކައުންޓަށް ޖަމާކޮށްފި

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތް ފަރާތްތަކުގެ ހިއްސާތައް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އެކައުންޓު ތަކަށް ޖަމާކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ގަވާއިދުގެ 2.2.9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ކުންފުނީގެ ހިއްސާތައް އެކަށައަޅައި، އެމްއެސްޑީގައި ހިއްސާދާރުން ހުޅުވާފައިވާ އެކައުންޓްތަކަށް ޖަމާކުރެވިފައިވާ ކަމަށެވެ.

އުރީދޫން ވަނީ 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވިއްކާފައިވާ އެވެ. އުރީދޫން ވިއްކަން ހުޅުވާލާފައިވަނީ ހިއްސާ އަކަށް 30 ރުފިޔާގެ ރޭޓުންނެވެ. ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް ( 59,120,160 އާންމު ހިއްސާ) ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ހިއްސާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ހިއްސާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިހާރުކުރެވެމުންއެބަދާ ކަމަށެވެ.

".. އަދި ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެ ވާހަކަ ވެސް ދެންނެވީމެވެ. ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ ހިއްސާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށެވެ،" އުރީދޫ ބުނެފައިވެ އެވެ.

އުރީދޫގެ ހިދުމަތް ރާއްޖޭގައި ފެށުނީއްސުރެ ޑިރެކްޓަރުގެ ބޯޑުގައި ހިމެނި ވަޑައި ގަންނަވާ، ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވެފައިވާ ގޮތުގައި، އައިޕީއޯގެ މައިގަނޑު އެއް މަގްސަދަކީ، އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލެވި، އިންވެސްޓްމަންޓް އަދި ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

"ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން އާބާދީ ބޮޑު ސަރަހައްދުތަކުގައި ބޭއްވުނު އެތައް އިވެންޓަކަށް ފަހު މިކަން ހާސިލް ކުރެވުނީތީ އުރީދޫ މޯލްޑިވްސް އިން އުފާކުރަން. މި ލަނޑުދަނޑި ހާސިލް ކުރުމުގައި އެކި ރަށްރަށުން ލިބުނު ތަރުހީބަށާއި، އެބޭފުޅުން އުރީދޫ މޯލްޑިވްސްގެ ކުރިއެރުމަށް ދެއްވާ އިތުބާރާއި ޔަގީންކަމަށް ޝުކުރު އަދާކުރަން،" ދީނާ ވިދާޅުވެފައިވެ އެވެ.