ހަބަރު

ސިފައިން، ފުލުހުންގެ އަގުވައްޓާލާ ނަމަ ފިޔަވަޅު އަޅަން ޖެހޭ: ނިހާން

ރާއްޖޭގެ ސަލާމަތާ ބެހޭ ބާރުތަކުގެ އަގު ވައްޓާލައި އެކި ގޮތް ގޮތަށް ގެއްލުން ދެމުން ގެންދާ ފަރާތްތައް "ތަޅު އަޅުވަން" ގާނޫނެއް ހަދަން ޖެހޭ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރުން އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ ގުޅިވަޑައިގަތް މެންބަރުންނަށް ފޯމު ހަވާލު ކުރުމަށް ސެޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އަބަދުވެސް އެކި ފަރާތްތަކުން ސީދާ އަދި ނުސީދާ ގޮތެއްގައި ސަލާމަތާ ބެހޭ ބާރުތަކަށް ހަމަލާތަކާއި ގެއްލުން ދެމުން ގެންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ކުރަމުން ގެންދަނީ ކުރީގެ ބައެއް ރައީސުންނާއި ސިޔާސީ ފަރާތްތަކެއް ކަމަށާއި އެކަމަކީ އެނގި ހުރި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ނަގާލުން ކަމަށް ނިހާން ވިދާޅުވި އެވެ.

އެހެންކަމުން ދެން ޖެހޭނީ ރައްޔިތުން މަޖިލީހުގެ ތެރެއިން ގާނޫނީ ބާރު ނަގާ ދަމަހައްޓަން ކަމަށާއި ގާނޫނެއް ހެދުމަށް ފަހު ސަލާމަތާ ބެހޭ ބާރުތަކަށް ގެއްލުން ދޭ ފަރާތްތައް ތަޅު އަޅު އެޅުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"ސަލާމަތީ ބާރުތަކުގެ އިސް ފަރާތްތައް އިސްތިއުފާ ދިނުމަށް ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވިދާޅުވާ އިރު ހަނދާން އެބަހުރިތޯ މާޒީގައި ހިނގި ކަންކަން، ހަމައެކަނި 2003 ވަނަ އަހަރު ފަސް މީހުން މަރާލާފައިވާ އިރު 2006 ވަނަ އަހަރު އެކަކު މަރާލި އިރު 2007 ވަނަ އަހަރު ދެ މީހާކު މަރާލި އަދި 2008 ވަނަ އަހަރު ހަތަރު މީހުން މަރާލި، އެހެންވީމަ އުފައްދަން ޖެހޭ ސުވާލަކީ ރައީސް ޔާމީންތޯ މި ހުރިހާ ދުވަހު ވެރިކަން ކުރީ، މިއީ އުފައްދަން ޖެހޭ ސުވާލުތައް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ބައެއް ފަރާތްތަކުން އެކި މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ގޮންޖަހާ ރާއްޖެ ގަންބާލަން މަސައްކަތް ކުރާ އިރު ވެސް އެ މަސައްކަތް ހުއްޓުވުމަށް މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނާތީ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ.