ހަބަރު

އަނަސްގެ ގާތިލުން ހައްޔަރުކޮށްފި

  • ޖުމްލަ 12 މީހަކު ހައްޔަރުކުރި
  • ކުޑަ ކުދިން ވެސް ހިނެމޭ
  • އަނަސްއަށް ހަމަލާދިން މީހުންގެ އަދަދު ނޭނގޭ

ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލި ކަމުގެ ތުހުމަތުގައި ބަޔަކު މިރޭ ހައްޔަރުކޮށްފި އެވެ. އަނަސް މަރާލާފައިވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ.

އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ. އެތައް ހަމަލާތަކެއް ދިނުމުގެ ސަބަބުން އަނަސްއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ފުލުހުން މިރޭ މ. އަސަރީހިޔާގެ ބަލާ ފާސްކޮށް ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގައި އަނަސްއަށް ވަޅިން ހަމަލާދީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހިމެނޭ ކަމަށެވެ. އެމީހުން ސީދާ އަދަދެއް ފުލުހުން ނުބުނެ އެވެ. އަދި އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ. އެމީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަނިޔާވެރި ކަމުގައި ވަރަށް ހަރަކާތްތެރި ބަޔަކު އަރައިގަނެ މަރާލީ ވަރަށް މަޑުމައިތިރި، އަދި އެންމެނާވެސް ގުޅޭ މިޒާޖެއްގެ ޒުވާނެކެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި މުޅީންހެން ކަނޑުމަތީގައި އުޅެމުން އައި ކެޕްޓަނަކީ އެއްވެސް ގްރޫޕަކާއި އެއްވެސް އިރެއްގައި ގުޅުމެއް އޮތް ޒުވާނެއް ނޫނެވެ.

"މީހުންގެ ފަރާތުން މައުލޫމާތު ލިބެނީ އެއީ ގްރޫޕަކުން އެފަދަ އެހެން ގްރޫޕަށް ދޭން އުޅުނު ހަމަލާއެކޭ އެއީ، އަނަސް ލާފައި ހުރި ޓީޝާޓު [ހޯދަން އުޅުނު މީހާގެ ޓީޝާޓާ] އެއް ވައްތަރުވެ އޮޅިގެންނޭ އަނަސް އަށް ހަމަލާދެވުނީ،" އަނަސްގެ އާއިލާއިން "އަވަސް" އާއި ވާހަކަ ދެއްކި މެންބަރަކު ބުނެފިއިވެ އެވެ.

ގުރޫޕަކުން ދިން ހަމަލާއެއްގައި އަނަސްގެ އިތުރުން ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަރުވެފަ އެވެ. ސީދާ އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މިފަހުން ހިނގި މާރާމާރީތަކާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައިވެ އެވެ.