ލައިފްސްޓައިލް

ތެލި ދޮންނަ ސްޕޮންޖް ގަނޑު އަވަހަށް ބަދަލުކުރަންވާނެ

Aug 7, 2017

ސިންކު ކައިރިއަށް ޖެހިލާފައި ތަށިތައް ދޮންނަން ތި ބޭނުންކުރާ ސްޕޮންޖް ގަނޑަށް ވަަރަށް ސީރިއަސް ނަޒަރެއް ދީ ބަލާށެވެ. ސްޕޮންޖްގަނޑު އޮތީ ދުވަސްވެ ހަލާކުވަން ކައިރިވެފައި ހެއްޔެވެ؟ ނުވަތަ ފެން އެޅި ފޯވެގެން ފާޑަކަށް ކުޑަވެފައި ހެއްޔެވެ؟ ކުލަވެސް ގޮސްފައި ހެއްޔެވެ؟ އެހެންވިއްޔާ އަވަހަށް ސްޕޮންޖްގަނޑު އެއްލައިލާށެވެ.

އެކަމާ ބެހޭގޮތުން ސިއްހީ މާހިރުން ބުނަނީ ދެތިން ހަފްތާ އަށްވުރެ ގިނަ ދުވަސް ވަންދެން އެއް ސްޕޮންޖުގަނޑެއް ބޭނުން ނުކުރާށޭ އެވެ. އެެއް ސްޕޮންޖުގަނޑެއް ބޭނުންކުރާ ދުވަސްތަކުގެ އަދަދު އިތުރުކޮށް މަދުކުރާނީ އެ ސްޕޮންޖުގަނޑެއް ބޭނުންކުރާ މިންވަރަށް ބަލައިގެންނެވެ. އާންމުކޮށް ބަދިގޭގައި ތަށިތައް ދޮންނަން ތި ބޭނުންކުރާ ސްޕޮންޖުގަނޑުގައި ފާހާނާގައި ބެކްޓީރިއާ ހުންނަ މިންވަރުގެ ދެ ލައްކަ ގުނަ އިތުރަށް ޖަރާސީމް ހުންނަ ކަމަށްވެ އެވެ. ވިސްނާލުން މުހިންމު ކަމެއް ނޫން ހެއްޔެވެ؟

އެެހެންވީމަ ކިތަންމެ އަވަސް އަވަހަށް ސްޕޮންޖުގަނޑު ބަދަލު ކުރި ނަމަވެސް އަބަދުވެސް ވީހާވެސް ބޮޑަކަށް ސްޕޮންގް ދޮވެ ސާފުކޮށް ބާއްވަން ވާނެ އެވެ. ސްޕޮންޖްގަނޑު ގަވާއިދުން ހޫނު ފެނުން ދޮންނަންވާނެ އެވެ. އަދި އަބަދުވެސް ބާއްވަން ވާނީ ރަނގަޅަށް އެއިން ފެން ހިއްކާފަ އެވެ. ސްޕޮންޖް ބާއްވަން ވަކި ހާއްސަތަނެއް ބަހައްޓަންވާނެ އެވެ. އެތަން ހުންނަންވާނީ ފެން ނުޖެހޭ ގޮތަށެވެ.

ސްޕޮންޖް ބޭނުންކުުރުމަށްފަހު ކުޑަވަގުތުކޮޅަކަށް މައިކްރޯވޭވް ވެސް ކުރެވިދާނެ އެވެ. އެއީ ބެކްޓީރިއާ ނައްތާލަން ކުރެވިދާނެ ކަމެކެވެ. މައިކްރޯވޭވް ކުރަންވާނީ ސްޕޮންޖްގަނޑު ތެތްކޮށް ހުއްޓަ އެވެ. އެހެން ނޫނީ އަލިފާނުގެ ހާދިސާއެއް ހިނގާފާނެ އެވެ.

ޑިސްއިންފެކްޓެންޓެއް އަބަދުވެސް ބޭނުންކުރަންވާނެ އެވެ. ހާއްސަކޮށް މޭޒާއި ބަދިގޭގައި ހުންނަ ކައުންޓަރު ސާފު ކުރާއިރު އެވެ. ސްޕޮންޖް ބޭނުންކުރާ މިންވަރު ރަނގަޅަށް ބަލަންވާނެ އެވެ. މިސާލަކަށް ދުވާލަކު އެއް ފަަހަރު ބޭނުންކުރާނަމަ މަހަކު އެއް ފަހަރު ސްޕޮންޖް ބަދަލުކުރުން ރަނގަޅުވާނެ އެވެ.