ބޮލީވުޑް

ބާޖީރާއޯ މަސްތާނީގައި ޕްރިޔަންކާ 85 ސާޅި ބޭނުންކުރޭ

Apr 17, 2015

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އަށްވަނަ އަށް ޑައިރެކްޓުކުރާ ލޯބީގެ ތާރީހީ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމް "ބާޖީރާއޯ މަސްތާނީ"ގައި ބާޖީރާއޯގެ ފުރަތަމަ އަނބިމީހާ ކަށީބާއީގެ ރޯލުން ފެނިގެންދާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިފިލްމުގައި 85 ހަކަށް ވުރެ ގިނަ ނޯވާރީ ސާޅި ބޭނުންކުރާ ކަމަށް މިފިލްމުގެ ސްޓައިލިސްޓް ބުނެފި އެވެ.

މިފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ ވަރަށް ސާދާ މަހްރާޝްތްރިއަން އެއްގެ ރޯލުންނެވެ.

މިފިލްމުގައި ފެނިގެންދާނީ އިންޑިއާގައި 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ.

ވަރަށް ކުރީ ޒަމާނެއްގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމަކަށް ވުމުން، ޕްރިޔަންކާ މިފިލްމުގައި ކުޅެންޖެހޭ ރޯލު ވީހާވެސް ބޮޑަކަށް އެއްގޮތް ކުރުމަށް ބޭނުންވާތީ މަހަރާޝްތްރާގެ ސަގާފީ ސާޅިއެއް ކަމުގައިވާ ނޯވާރީގެ ބަރު ސާޅި ބޭނުންކުރެ އެވެ.

ނޯވާރީ ސާޅި އަކީ ނުވަ މުށުގެ ސާޅިއެކެވެ.

މީގެ އިތުރުންވެސް ބަރު އެތަކެއް ގަހަނާއެއް ވެސް ބޭނުންކުރާ އިރު "ނަތް" ނަމަކަށްކިޔާ އިންޑިއާގެ މީހުން ނޭފަތުގައި ލާ އެއްޗެއްވެސް ބޭނުންކުރާނެ އެވެ.

މީގެއިތުރުން އަންޖޫ ބުނީ މިފިލްމުގައި ޕރިޔަންކާ ދައްކުވައިދޭނީ ވަރަށް ސާބިތު އަދި ހިތްވަރުގަދަ އަންހެނެއްގެ ރޯލުކަމަށްވާތީ ޕްރިޔަންކާ ބޭނުންކުރާނީ އަލި ގަދަ ކުލަތަކުގެ ސާޅިކަމަށެވެ.އަދި ޕްރިޔަންކާ ބޭނުންކުރާ ހުރިހާ ސާޅި އަކާއި ގަހަނާތައް ހޯދުމަށް އަހަރެއްހާ ދުވަސް ނެގިކަމަށްވެސް އަންޖޫ ބުންޏެވެ.

މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން މިފިލްމުގައި ފެނިގެންދާނީ ބާޖީރާއޯގެ ދެވަނަ އަނބިމީހާ މަސްތާނީގެ ރޯލުންނެވެ.

ބަރު ބޮޑެތި ހެދުންތަކާއި ގަހަނާތަކާއި އެކު ޝޫޓްކުރާ މިފިލްމަކީ ޕްރިޔަންކާގެ ފިލްމީ ހަޔާތުގައި ކުޅޭ އެންމެ އުނދަގޫ ރޯލުކަމަށް މީގެ ކުރިން ޕްރިޔަންކާ ވަނީ ބުނެފަ އެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު އެވެ.