ލައިފްސްޓައިލް

ހިޔާލީ ދުނިޔޭގެ ކެރެކްޓާތައް އަސްލު ދުނިޔެއަށް

Aug 8, 2017

ޑިޒްނީ ޕްރިންސަން ތަކަކީ އެންމެން ވެސް އެންމެ ކުޑައިރުން ފެށިގެން އެންމެ ލޯބިކުރާ ހިޔާލީ ދުނިޔޭގެ ކެރެކްޓާތަކެވެ. ހާއްސަކޮށް އަންހެން ކުދިންނެވެ. އެ ކެރެކްޓާތައް ލައިއުޅޭ ހެދުންތަކާ އިސްތަށިގަނޑު ހަދާފައި ހުންނަ ގޮތަށް ދަންދެން ކޮޕީ ކުރެ ވެއެވެ. އަދި މި ފަހުން ނުކުމެގެން އުޅޭ ޑިޒްނީ ޕްރިންސަސް ތަކަށް ވެސް މަރުދޭ އެތަށް ކުޑަކުދިންނަކާއި ބޮޑެތި މީހުން އުޅެ އެވެ. އެގޮތުން އުފަން ދުވަހެއް ފާހަގަކުރިޔަސް ޕްރިންސެސް ހެދުން ތަކާއި ޕްރިންސަސް ކޭކުތައް އަޅަ އެވެ. އަދި މުޅި ޕާޓީވެސް ޑިޒްނީގެ ތީމް ތަކަށް ތައްޔާރު ކުރެ އެވެ.

ހިޔާލީ ދުނިޔޭގެ އެ ރީތި ކެރެކްޓާތައް އަސްލު ދުނިޔޭގެ ކޮންމެވެސް ކަހަލަ ސެލްބްރިޓީއަކާ ގުޅުވާލުމަކީ އެ ކެރެކްޓާތަކަށް ސަޕޯޓްކުރާ ފަރާތްތަކަށް ލިބޭނެ އިތުރު އުފަލެކެވެ. އެގޮތުން ގްރީސްއަށް ނިސްބަތްވާ ފްރީލާންސް ފޮޓޯގްރާފަރު އަދި އިލަސްޓްރޭޓާ ގްރެގަރީ މަސޯރާ ވަނީ މިކަން ކޮށްފަ އެވެ. އޭނާ ވަނީ މަޝްހޫރު ސެލެބްރިޓީންގެ ފޮޓޯތައް ހިޔާލީ ދުނިޔޭގެ ކެރެކްޓާތަކަށް ބަދަލުކޮށްލާފަ އެވެ.

ގްރެގަރީ ބުނެފައިވާ ގޮތުގައި އޭނާގެ "އެނިމޭޝަން އިން ރިއަލިޓީ" ޕްރޮޖެކްޓް ސިރީސްތަކެއްގެ ގޮތުގައި ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި އެނިމޭޝަން އިން ރިއަލިޓީ އުފެދިގެން އައީ އޭނާ ގަތް ސްމާޓް ފޯނަކުން އެކި ކަހަލަ ފޮޓޯ ނަގަމުންގޮސް ވިލާގަނޑެއްގެ ފޮޓޯ ނެގިއިރު އެ ފޮޓޯ ބެޓްމޭންގެ ލޯގޯއާ ވަތްތަރުވި ހިސާބުންނެވެ. އެހިސާބުން އެ ފޮޓޯ އެޑިޓް ކުރަމުން ގޮސް އެނިމޭޝަން ރިއަލިޓީގެ އުފަންވެގެން އައީ ކަމަށެވެ.

އެގޮތުން މަޝްހޫރު މޮޑެލް ޖީޖީ ހަދީދް، އާއި ކެންޑަލް ޖެނާގެ އިތުރުން އޭޝްލީ ގްރަހަމް އާއި ބެލާ ހަދީދް ވަނީ މިފަދަ ޕްރިންސަސްތަކަށް ބަދަލު ކޮށްލާފަ އެވެ. އަދި ކިމް ކާޑޭޝިއަން އާއި އޭނާގެ މަންމަ ކްރިސް ޖެނާ އަދި ވޮގް އެޑިޓާ އަނާގެ ކެރެކްޓާވެސް ވަނީ ޑިޒްނީ ކެރެކްޓާ ތަކަށް ބަދަލުކޮށްފަ އެވެ.

މީގެއިތުރުން ވެސް ވޮގް މެގަޒިން އާއި ހާޕާސް ބާޒާރު ފަދަ މަޝްހޫރު ބޮޑެތި މެގަޒިން ތަކުގެ ކަވާގައި ފީޗާ ކޮށްފައިވާ ސެލްބްރިޓީން ޑިޒްނީ ކެރެކްޓާތަކަށް ފުރިހަމަ ކަމާއެކު ބަދަލު ކޮށްލާފައިވެ އެވެ.

ގްރެގަރީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސެލެބްރިޓީންގެ އަސްލު ފޮޓޯ އާއެކު ޑިޒްނީ ކެރެކްޓާތައް ގުޅުވާލާފައި ހުންނަ ގޮތުން ހިޔާލީ ދުނިޔޭގެ ރެޑް ކާޕެޓް ފޮޓޯ އަށްވުރެ ފުރިހަމަ ކަމަށް ފެނުމެވެ. އަދި ޒުވާނުންގެ ތެރޭ މިހާރު އެންމެ މަޝްހޫރު އެއް ސީރީޒް ކަމަށްވާ ގޭމް އޮފް ތްރޯންސްގެ ކެރެކްޓާތައް ވެސް ވަރަށް ފުރިހަމަ އަށް އޭނަ ވަނީ ދައްކާލާފަ އެވެ.