ވިޔަފާރި

ލިލީ އިން ރާއްޖެ އަށް ސްޓާބަކްސް ކޮފީ ގެނެސްދީފި

  • ކެފޭ ހުޅުވުމުގެ ފުރަތަމަ މަރުހަލާ ފެށުނީ
  • ސްޓާބަކްސްގެ ބައެއް އުފެއްދުންތައް ހިމެނޭ
  • ބޮޑެތި ފިހާރަތަކުން ވެސް މި ވިއްކާނެ

ލިލީ ގްރޫޕުން ރާއްޖެ އަށް ސްޓާބަކްސް ކޮފީގެ ބައެއް އުފެއްދުންތަޑް ތައާރަފުކޮށްދީ، ދިވެހި ޒުވާނުންގެ ހިތްތައް އުފަލުން ފޮޅުވާލައިފި އެވެ.

ރާއްޖެ އަށް "ސްޓާބަކްސް" ކޮފީ ތައާރަފު ކޮށްދިނީ، ދަރުބާރުގޭގައި މިއަދު ފެށި، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގަ އެވެ.

ލިލީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސާރު "އަވަސް" އަށް މިއަދު ވިދާޅުވީ ފުރަތަމަ ގެނެސްފައި މިވަނީ ސްޓާބަކްސްގެ ބައެއް އުފެއްދުންތައް ކަމަށެވެ.

"ފުރަތަމަ ބައެއް އުފެއްދުންތަށް މި ގެނެވުނީ. މި ގެންނަނީ ސީދާ ކުންފުނިން. ފަހުން ކެފޭ ހުޅުވާނީ،" އާމިރު ވިދާޅުވި އެވެ.

ލިލީއިން ތައާރަފު ކުރި ސްޓާބަކްސް ކޮފީގެ ބާވަތްތަކުގެ ތެރޭގައި ކޮފީ ފުޅިއާއި މި ބްރޭންޑުގެ އެހެން ބައެއް އުފެއްދުންތަށް ވެސް ހިމެނެ އެވެ. މި އުފެއްދުންތަށް ރާއްޖޭގެ ބޮޑެތި ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއަދު ތައާރަފު ކުރި ކޮފީގެ ފުޅިއެއް ވިއްކާނީ ގާތްގަނޑަކަށް 25-30ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އާމިރު ވިދާޅުވީ ހުރިހާ އުފެއްދުމެއްވެސް ވިއްކާނީ އެކަށީގެންވާ އަގެއްގައި ކަމަށެވެ.

"ވަރަށް މަސައްކަތް މިއީ. ވަރަށް ދުވަހު މަޝްވަރާ ކޮށްގެން ގެނެވުނީ މި،" އާމިރު ވިދާޅުވި އެވެ.

އެމެރިކާގެ ކޮފީ ހައުސް ޗެއިން "ސްޓާބަކްސް" އަކީ 1971 ވަނަ އަހަރު ދުނިޔެއަށް ތައާރަފުވި ބްރޭންޑެކެވެ. މި ބްރޭންޑުގެ ގޮފިތަށް ދުނިޔޭގެ 23,768 ސަރަހައްދެއްގައި ހުރެ އެވެ.