ލައިފްސްޓައިލް

އައިސް ކިއުބުން މޫނު މަސާޖް ކުރަން ހިނގާ

Aug 9, 2017

މޫނުގެ ހަންގަނޑޫ ރީތިކޮށް ބަހައްޓަން އަންހެނުން ނުކުރާނެ ކަމެއް ނޯންނާނެ އެވެ. އަގުބޮޑު ޓްރީޓްމަންޓްތަކާއި ފާޑުފާޑުގެ މާސްކުތައް ބޭނުންކުރެ އެވެ. އަބަދުވެސް ވީހާވެސް ތާޒާކޮށް މޫނުމަތި ބަހައްޓަން ބޭނުންވެ އެވެ. އެކަމަކު އަބަދުވެސް ގޭގެ ފްރިޖްގައި ހުރި އައިސްކިއުބް މަތިން ހަނދާނެއް ނުހުރެ އެވެ. އައިސް ކިއުބަކީ ހަންގަނޑަށް ފަރުވާ އެކެވެ. ހަމައެކަނީ ޖޫސްތަށި ފިނިކޮށްލަން އަޅާ އެއްޗެއްގެ ގޮތުގައި ބަހައްޓަން ކަމަކު ނުދާނެ އެވެ. އައިސް ކިއުބަކީ ހަންގަނޑަށްވެސް ފަރުވާ އެކެވެ.

މޫނުމަތީގެ ހަންގަނޑު އުޖާލާކޮށް ބަަހައްޓަން އައިސް ކިއުބުން މޫނު މަސާޖުކޮށްލާށެވެ. އޭރުން ލޭ ހިންގުން ރަނގަޅުވެ މޫނުގެ އުޖާލާކަން އިތުރުވެ ހަންގަނޑު ތާޒާކަމަށް ދައްކާނެ އެވެ. މޫނު މަސާޖް ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެންމެ އައިސް ކިއުބެއްވެސް އެކަމަށް ފުދޭނެ އެވެ.

މޭކަޕް ކުރަން ފެށުމުގެ ކުރިންވެސް އައިސް ކިއުބަކުން މޫނު ކުޑަކޮށް މަސާޖުކޮށްލަން ވާނެ އެވެ. އެއީ ގިނައިރު މޫނުގައި މޭކަޕް ހުންނަން އެހީތެރިވެދޭނެ ކަމެކެވެ. އަދި މޫނުމަތި ރަތްވެ ދުޅަވުމުންވެސް ދުރުކޮށްދޭނެތީ އެވެ.

ބައެއް ފަހަރު މޫނުމަތީގައި ހުންނަ އިސްތަށިތައް ފިލުވާއިރު ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ކުރަން ޖެހެ އެވެ. އެހެން ނަމަވެސް އޭގެ ކުރިން އައިސް ކިއުބަކުން މޫނު ކުޑަކޮށް މަސާޖުކޮށްލަ ބަލާށެވެ. ތަދު ކުޑަވެ މޫނު ރަތްވުމުންވެސް ދުރުކޮށްދޭނެ އެވެ.

އެންމެ ބޮޑު ކަމަކަށްވެ ލޮލަށް ނިދި ނާންނަ ހިސާބަށް ދަނީ މޫނުގައި ބިހި ނެގުމުންނެވެ. ހާއްސަކޮށް ތަދުވާ ދޮސް ބިއްސެއް މޫނުގައި ނަގައިފި ނަމަ އެވެ. އެބިހި ފަޅާލުމަށްފަހު ނޫނީ ގިނަ މީހުންނަށް ހަމަ ނޭވާވެސް ނުލެވޭނެ އެެވެ. އެކަމަކު ބިހި ފަޅާލައި އެ ހުރިހާ ހަޑިއެއް ހޭވުމަށްވުރެ ފަސޭހަ ގޮތެއް އެބަ އޮތެވެ. ބިހީގެ ކައިރީގައި އައިސް ކިއުބެއް ފޮތިކޮޅަކަށް ލުމަށްފަހު ހާކާށެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓު ވާއިރު ބިހި ތިރިވެ ތަދު ކެނޑިދާނެ އެވެ. ދެތިން މިނެޓު މެދު ކަނޑާލުމަށްފަހު ދެ ތިން ފަހަރު އެގޮތަށް މަސާޖް ކޮށްލުމުން ބިހި އެއްކޮށް ހަލާކުވާނެ އެވެ.

އަވީގެ ސަބަބުން ހަންގަނޑު އެނދުމުންވެސް އެންމެ ރަނގަޅު ފަރުވާއަކީ އައިސް ކިއުބެވެ. އަދި ލޯ ކައިރިވެ ރަތްވެ ދުޅަވެއްޖެ ނަމަވެސް އެންމެ ފުރަތަމަވެސް އައިސް ކިއުބެއް ހޯދާށެވެ.