ވިޔަފާރި

ޓޫރިޒަމަށް އިންވެސްޓަރުން ހޯދަން ލަންކާ އިން ހާއްސަ މަޝްރޫއެއް ފަށައިފި

ޓޫރިޒަމަށް އިންވެސްޓަރުން ހޯދަން ސްރީ ލަންކާ އިން އިންވެސްޓަރުންގެ ދޮރުގައި ޓަކި ޖަހަން، ހާއްސަ މަޝްރޫއެއް ލޯންޗް ކޮށްފި އެވެ.

"ރިއޯ އޮފް އޭޝިޔާ" ގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން، ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ލަންކާގެ "ކަލްޕިތިޔާ" ސަރަހައްދުގައި އިންވެސްޓް ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ލަންކާ ޓޫރިޒަމް ޑިވްލޮޕްމަންޓް ބޯޑުގެ ޑިރެކްޓާ ޖެނެރަލް މަލްރާޖު ކިރިލާ ވިދާޅުވީ ވަކި ރަށްތަކެއް ގޮތަށް ބެހިފައިވާ މި ސަހަރައްދުގައި ހުރި 14 ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި މަޝްރޫއަށް އިންވެސްޓްކުރާ ފަރާތްތަކަށް 22 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް މި ތަންތަން ކުއްޔަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސްރީލަންކާގައި އިންވެސްޓް ކުރުމަށް އޮތް އެންމެ ރަނގަޅު ސަރަހައްދު،" ކިރިލާ ވިދާޅުވި އެވެ.

ކަލްޕިތިޔާ ސަރަހައްދަކީ ވެރިރަށް ކޮލަމްބޯއިން 170 ކިލޯ މީޓަރުގެ ރާސްތާގައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަށް ކޮލަމްބޯއިން އެއް ގަޑިއިރުން ދުއްވާފައިވެ އެވެ. މި ސަރަހައްދަކީ ލަންކާގެ ގުދުރަތީ އަޖައިބުން ފުރިފައިވާ ރީތި މަންޒަރުތައް ފެނިގެންދާ ސަރަހައްދެކެވެ.