ވިޔަފާރި

މާކިޔު ކޫއްޑު ރިސޯޓު 2016 ގައި، ޕުލްމަން މާމުޓާ 2018 ގައި ހުޅުވަނީ

Apr 17, 2015

ސިންގަޕޫރުގެ ކުންފުންޏަކުން ގއ. އަތޮޅުގައި ތަރައްގީ ކުރާ މާކިޔު މޯލްޑިވްސް ކޫއްޑު ރިސޯޓު 2016 ގައި އަދި ޕުލްމަން މޯލްޑިވްސް މާމުޓާ 2018 ގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން ސިންގަޕޫރުގެ ކިޔޮން ހޮންގް ކުންފުންޏާއި ޕްރެސްޓީޖް އިންވެސްޓްމަންޓް ގުޅިގެން އުފައްދާފައިވާ ކިޔޮން ހޮންގް ހޯލްޑިންގް ކުންފުނިން ތަރައްގީކުރާ މި ދެ ރިސޯޓު ހިންގައި މެނޭޖުކޮށް ބެލެހެއްޓުމަށް ފްރާންސުގެ އޭކާ ގްރޫޕާ ވަނީ ހަވާލުކޮށްފަ އެވެ.

ގއ. އަތޮޅުގެ ވެރިރަށް ވިލިނގިއްޔާއި ކޫއްޑު ޑޮމެސްޓިކް އެއާޕޯޓު ކައިރީގައި ތަރައްގީ ކުރާ މާކިޔޫ ކޫއްޑު ރިސޯޓުގައި 68 ވިލާގެ ރިސޯޓެކެވެ. އަދި މާމުޓާ ރިސޯޓަކީ 120 ވިލާގެ ރިސޯޓެކެވެ.

ކިޔޮން ހޮންގް ކުންފުނިން ބުނި ގޮތުގައި މި ދެ ރިސޯޓަށް އެކަނިވެސް 100 މިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި މި ރިސޯޓު ހިންގުމަށްޓަކައި ގއ. ކޫއްޑުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގެ އިންވެސްޓްމަންޓަށް 120 މިލިއަން ޑޮލަރު އިންވެސްޓް ކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.