ލައިފްސްޓައިލް

އަގު ބޮޑު ކައިވެނި ޕާޓީތަކާ ދެކޮޅަށް ބަންގްލަދޭޝް ކުއްޖެއް

Aug 11, 2017
2

ކައިވެނިކޮށްގެން ބޮޑު ޕާޓީއެއް ބާއްވާ އަގުބޮޑު ވެޑިން ޑްރެސް އެއްގައި ރީތި މެކަޕަކާއެކު ހުރުން އެއީ އާންމުކޮށް ކޮންމެ އަންހެއް ކުއްޖެގެވެސް ހުވަފެނެކެވެ. ވިސްނުމަށް އަންނަ ބަދަލުތަކާއި ވަގުތާއި ހާލަތަށް ބަލާފައި ބައެއް މީހުން ޕާޓީ ނުބޭއްވިނަމަވެސް އުމުރުގެ ކޮންމެވެސް ހިސާބެއްގައި އެ ޕާޓީގެ ހުވަފެން ދެކޭނެ އެވެ. ހުދު ކުލައިގެ ރީތި ބޮޑު ހެދުމުގައި އެންމެ ފުރިހަަމަ މޭކަޕުގައި އެންމެ ލޯބިވާ މީހާގެ އަތުގާ ހިފާލައިގެން ހުންނަން ބޭނުންވެ އެވެ.

އެ ޕާޓީއަށް ގިނަބަޔަކަށް ދައުވަތުދީ ޕާޓީގެ ފުރިހަމަކަމުގެ ވާހަކަ ގިނަ ބަޔަކު ދެއްކުމަކީ އުފަލެކެވެ. ޕާޓީގައި އަންހެން ކުއްޖާ ލައިގެން ހުންނަ ހެދުމުގެ ފުރިހަމަކަމާއި ހެދުމުގެ ރީތިކަމުގެ ވާހަކަ އެވެ. ކޮށްފައިވާ މޭކަޕުން އަންހެން ކުއްޖާގެ ރީތިކަން އިތުރުވެފައިވާ ވާހަކަ އެވެ. ގިނަ އަންހެން ކުދިން ކައިވެނި ޕާޓީގައި ވީހާވެސް ބޮޑަށް "ޑޯލް އަޕް"ވާން ބޭނުންވެ އެވެ.

ހަމައެކަނި ރާއްޖެގައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އެކަން އޮންނަނީ އެހެންނެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގަ އެވެ. އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ކައިވެނި ކުރާ ވަގުތު އަންހެން ކުއްޖާ ގިނަ ފަހަރަށް ހުންނަނީ މުޅިން އެހެން މީހަކަށް ބަދަލުކޮށްފަ އެވެ. އެންމެ އަގުބޮޑު ހެދުމާއި ރަން އެއީ ކޮންމެހެން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. މީހާގެ ފެންވަރަށް ބެލުމެއް ނެތެވެ. އެންމެ މުއްސަނދި އަންހެން ކުއްޖާއިން ފެށިގެން އެންމެ ފަގީރު ނިކަމެތި އަންހެން ކުއްޖާވެސް ކައިވެނީގެ ދުވަހު އަގުބޮޑު ހެދުމެއްގައި ނޫން ގޮތަކަށް ހުރެއްޖެނަމަ އަވައްޓެރިންނާއި ތިމާގެ އެހެން މީހުންގެ ދުލުކުރީގައި އެ ނޫން ވާހަކައެއް ނޯންނާނެ އެވެ. އެ އަންހެން ކުއްޖާގެ މުޅި އުމުރު ދުވަހުވެސް އެވާހަކަތައް މީހުން ދައްކަ އެވެ.

އެ ސަގާފަތް ނައްތާލަން ބަންގްލަދޭޝްގެ ޒުވާން އަންހެން ކުއްޖަކު ދާދިފަހުން ވަނީ ނުކުމެފަ އެވެ. ތަސްނީމް ޖާރާ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާއަކީ ފޯރާ އަދި ތަނަވަސް އާއިލާއެއް ކުއްޖެއް ނަމަވެސް ކައިވެނީގެ ދުވަހު އޭނާ އަގުބޮޑު ހެދުމެއްގައި ގަހަނާ "އަޅާ ގަހެއްހެން" ނޫނެވެ. އަދި މޫނުމަތީގައިވެސް މޭކަޕެއް ނެތެވެ. އޭނަ ލައިގެން ހުރީ މާމަގެ ސާރީ އެކެވެ.

ތަސްނީމްގެ އެ ނިންމުމާ އާއިލާގެ ބައެއް މީހުން ހިންހަމަ ނުޖެހުނެވެ. އެހެންކަމުން ގިނަ ބަޔަކުވަނީ އެ ދުވަހު ތަސްނީމް އާއެކު ފޮޓޯ ނަގަން ދެކޮޅު ހަދާފަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ކައިވެނި ކުރެވޭ ދުވަހު އެކުއްޖާގެ ޒީނަތްތެރިކަން އެތައް ގުނައަކަށް އިތުރުވާން ޖެހޭނެ އެވެ.

ކައިވެނީގެ ދުވަހު ފިިރިމީހާ ހާލިދު ސައިފުﷲ އާ އެކު ނަގާފައިވާ ފޮޓޯއަކާއެކު ތަސްނީމް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނަ ބުނަނީ އެއްވެސް މޭކަޕެއް ނެތި އަދި އަގުބޮޑު ކައިވެނީގެ ހެދުމެއް ނެތް ނަމަވެސް ކައިވެނި ކުރަން ފުުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެ ކައިވެނީގެ ހަފްލާއަށް ގޮސް މީހުން އެކަމާ ބެހެގޮތުން ދައްކާ ވާހަކަތައް ހުއްޓުވަން އޭނަ ބޭނުންވެ އެވެ. އެންމެންނަކީ މުއްސަނދިން ނޫންކަން ހަނދާން ކޮށްދޭން އޭނަ ބޭނުންވި އެވެ. މީހުން ދައްކާ އެފަދަ ވާހަކަތަކުން ސަލާމަތް ވުމަށް ނެތް ފެންވަރުންވެސް އެންމެ އަގުބޮޑު ހެދުމާއި ގަހަނާ އަދި މޭކަޕް ބޭނުންކުރަން އަންހެން ކުދިންނަށް މަޖުބޫރުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކައިވެނީގެ އުފާވެރިކަން ދެނެގަނެވޭނީ ކައިވެނި ޕާޓީއިން ނޫނެވެ. ކައިވެނި ކުރަނީ ހަމައެކަނި ޕާޓީއެއް ބާއްވަން ބޭނުންވެެގެން ކަމަށް ވާނަމަ އެހިސާބުން އެކައިވެނި އެއޮތީ ފޭލް ވެފަ އެވެ. އެހެން ނަމަވެސް ތަނަވަސްކަން ހުރި މިންވަރަކުން ގާތް މީހުންނަށް ސައެއް ނުވަތަ ކެއުމެއް ދިނުމަކީ ސުންނަތެކެވެ. ދެއްކުން ތެރިކަމެއް ނެތި އެވެ.