ހަބަރު

ނަދީމްގެ މަރާ ގުޅިގެން ގެއެއް ބަލާ ފާސްކޮށްފި

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ގެއެއް ބަލާ ފާސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ފުލުހުން ބަލާ ފާސްކޮށްފައިވަނީ ގ. ޖެލީފިޝް އެވެ. ފުލުހުން ބުނެފައިވަނީ، މިރޭ އެ ގެ ބަލާފާސްކޮށް ނަދީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒުކަން އަވަސްއަށް ވަނީ ކަށަވަރުވެފަ އެވެ.

މަފާޒަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޮނިކޮމް އަމުރު ނެރުއްވާ ޓެގް އެޅުވި މީހެކެވެ. އަދި މޮނިކޮމް އަމުރާ ހިލާފުވެގެން ދައުވާކުރެވުނު މީހެކެވެ. އެ މައްސަލާގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ އެ ބަންދުން ދޫވެ ހުރީ ކޮން ގޮތަކަށް ކަމެއް ސާފެއް ނުވެ އެވެ.

މަފާޒަކީ ގިނަ ޖިނާއީ ތުހުމަތުތަކެއްގެ ރިކޯޑް އޮންނަ ޒުވާނެއް ކަމަށްވެ އެވެ.

ގ. ޖެލީފިޝް ބަލާ ފާސްކޮށް މަފާޒުގެ އިތުރުން ވެސް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ. ފުލުހުން ވަނީ އެ ގެ ބަލާ ފާސްކޮށް ގިނަ ތަކެތި ވެސް ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.