ކުޅިވަރު

އަޝްފާގަށް ސަމާލުވާން ޖެހޭ: މާޒިޔާ ކޯޗް

ނިއުރޭޑިއަންޓްގެ އަލީ އަޝްފާގް (ދަގަނޑޭ) އަކީ މެޗުގެ އެންމެ ފަހު މިނެޓް ތެރޭގައި ވެސް ނަތީޖާ ބަދަލު ކޮށްލަފާނެ ކުޅުންތެރިޔެއް ކަމަށާއި މިއަދު ނިއު އާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި އޭނާއާ މެދު މާޒިޔާއިން ސަމާލު ވާނެ ކަމަށް، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.

ސެކްލޮސްކީ ބުނީ، އަޝްފާގް ހަމަލާތައް ހުއްޓުވުމަށް، މާޒިޔާއިން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުން ކަމަށެވެ.

"މެޗުގެ 89 މިނެޓްތެރޭ ނަތީޖާ ނުނެރެ ވިއްޖެއްޔާ، ބާކީ އެންމެ ފަހު މިނެޓްތެރޭގައިވެސް މެޗުގެ ނަތީޖާ ބަދަލު ކޮށްލާ ފެންވަރުގެ ކުޅުންތެރިޔެއް އަޝްފާގަކީ، އޭނާ ހުއްޓުވަން އަހަރެމެން ބޭނުން ކުރާނީ ޓީމު ވޯކް، ޓީމެއްގެ ގޮތުގައި އޭނާގެ އުފައްދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރާނީ."

ސެކްލޮސްކީ ބުނީ ދެ ޓީމަކީވެސް އެއް ޓީމު އަނެއް ޓީމުގެ ހުރި ކަންކަން ވަރަށް ރަނގަޅަށް އެނގޭ ދެ ޓީމު ކަމަށާއި، މާޒިޔާގެ ކުޅުންތެރިން އެންމެ މަތީ ދަރަޖައިގެ މިއަދުގެ މެޗަށް ސަމާލުކަން ދޭނެ ކަމަށެވެ.

އޭނާ ބުނީ މި މެޗުން ކޮންމެ ޓީމަކަށް ނަތީޖާ ލިބުނު ނަމަވެސް ލީގް ޗެމްޕިއަންކަން ހޯދާނީ ކޮން ޓީމެއްކަން އެނގިގެން ނުދާނެ ކަމަށެވެ. ނަމަވެސް މި މެޗުން މޮޅުވާން ވަރަށް މުހިންމު ކަމަށެވެ.

ސެކްލޮސްކީ ބުނީ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ އަށް ވުރެ ބޮޑަށް ނިއު އަށް އޭޑެވާންޓޭޖް އެބައޮތް ކަމަށެވެ. ނިއު އިން މީގެ ދެ މެސް ކުރިން ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށް ތައްޔާރީތައް ފަށި ކަމަށެވެ.

"އަޝަފްގް އާއި [އިބްރާހިމް ފަޒީލް] އޮއްޕޮ ސޮއި ކުރުވީ ދެ މަސް ކުރިން، [ލުބުނާންންގެ] ޑިފެންޑަރު [އަލް ޑޯރު] ސޮއި ކުރުވީ ޖޫން މަހު، އިތުރު ކުޅުންތެރިންނާއެކު އެ ޓީމުން ވަރަށް ކުރިން ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވެއްޖެ އެހެންވީމަ އެއީ އެ ޓީމަށް އެޑްވާންޓޭޖެއް،" ސެކްލޮސްކީ ބުންޏެވެ.

"އަހަރެމެންނަކަށް ގިނަ ދުވަސްތަކެއް ނުލިބޭ އަހަރެމެންނަށް ލިބުނީ ކުރު މުއްދަތެއް، ނަމަވެސް އަހަރެން ގަބޫލު ކުރަނީ (ޓްރާންސްފާ ގައި) އަހަރެމެން ކުރީ ރަނގަޅު މަސައްކަތެއް ކަމަށް، އަހަރެމެން ސޮއި ކުރުވި ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްބޮޅައިގައި ކުލެފައިވާ ކުޅުންތެރިން ހާއްސަކޮށް [މުހައްމަދު އާރިފް] ބަކާ އާއި އިސްމާއިލް އީސާ [މެސީ] އަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިން ބައެއް ޓީމުތަކުން ކުޅުންތެރިން ގެނައީ ވަރަށް ފައިސާ ހަރދު ކޮށްގެން ނަމަވެސް އަހަރެމެން ބޭނުން ކުރީ ސިކުނޑީ އަހަންނަށް ހީވަނީ ރަނގަޅު މަސައްކަތެއް ކުރެވުނު ހެން."

ސެކްލޮސްކީ ބުނީ، ސީޒަންގެ ކުރީ ކޮޅު މާޒިޔާގެ ސްކޮޑް އެއްފެންވަރެއްގައި ގެންގުޅެން އޭނާ އަށް އުނދަގޫވި ކަމަށާއި ނަމަވެސް، އަނިޔާއިން ރަނގަޅު ވެގެން، މޫސާ ޔާމީން (ޔާންބެ) އެނބުރި އައުމާއި، އިތުރު ކުޅުންތެރިން ޓީމަށް އައުމާއެކު އޭނާގެ ބޮލުގެ ރިހުން ވަރަށް ބޮޑަށް ކުޑަ ވެގެން ހިނގައްޖެ ކަމަށެވެ.

"އެހެންވެ އަހަރެނެް މި މިބުނަނީ ކަލޭމެން ގާތު، މިހާރު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ، ޕްރެކްޓިހުގައި ކުޅުންތެރިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، ސަބަބަކީ ކުޅުންތެރިންނަށް މިހާރު އެނގޭނެ، އެކުޅުންތެރިންނަށް ފުރަތަމަ އެގާރަ ކަށަވަރު ވާނީ މަސައްކަތް ކޮށްގެންކަން، އެއްވެސް މީހަކަށް މިހާރު ފުރަތަމަ 11 ޔަގީނެއް ނުވާނެ، އެންމެ ބުރަކޮށް މަސައްކަތް ކޮށް ނަތީޖާ ދައްކާ ކުޅުންތެރިންނަށް ފުރަތަމަ 11 އިން ޖާގަ ލިބިގެން ދާނީ، ކުރިން ހުރި ބޮލުގެ ރިހުމެއް މިހާރު ނެތް، އެހެންވީމަ (މިއަދުގެ) ނިއުރޭޑިއަންޓް މެޗަށް ނެރޭނީ މާޒިޔާގެ މިހާރު އޮތް އެންމެ ރަނގަޅު ފުރަތަމަ 11."

ނިއުރޭޑިއަންގެ ކޯޗް އޮސްކާ ބުރުޒޮން ބުނީ، އޭނާ އަތުގައި މިހާރު އޮތީ ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑް ކަމަށާއި ނިއުގެ މެނޭޖެމްނެްޓުން ބޭނުން ވަނީ، ރީތި މެޗެއް ކުޅެ މެޗުން މޮޅުވާން ކަމަށެވެ. އޭނާ ބުނީ މި މެޗު ކުޅެން އަދި ތަން ކޮޅެއް އަވަސް ކަމަށާއި ލީގްގެ ފުރަތަމަ ބުރުގެ ފަހު ހިސާބަކަށް މެޗު ތާވަލު ކުރި ނަމަ މެޗު ފޯރިގަދަ ވާނެ ކަމަށެވެ.

ނިއުގެ ހަމަލާތައް ހުއްޓުވަން، މާޒިޔާގެ ޑިފެންސުން މަސައްކަތް ކުރާނެ ގޮތަކަށް ބަލައި އޭނާ ވެސް ނިއުގެ ހަމަލާތައް ރާވާނީ ބަދަލު ކުރެވޭނެ ގޮތަކަށް ކަމަށް ބުރުޒޮން ބުންޏެވެ.