ހަބަރު

ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތް ބާއްވަނީ ސަރުކާރުގެ ނަމުގައި

ހދ. ކުޅުދުއްފުށީގައި ޕީޕީއެމް އިން މިއަދު ލޮރީ ބުރު ބާއްވަނީ ސަރުކާރުގެ ހަރަކާތެއް ނަމުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމް އިން ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ 25 ރަށެއްގައި ހަރަކާތްތައް ބާއްވަނީ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްފައިވާ ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހާމަ ކުރުމަށް ކަމަށެވެ. އަދި އެއީ 2018 އަށް ޕީޕީއެމްގެ ފަަރާތުން ކުރާ ކެމްޕެއިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް "އަވަސް"އާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހައިޝަމް ވިދާޅުވީ އެ ހަރަކާތްތައް އެއްބާރުލުން ދިނުމަށް އެދި ސަރުކާރުގެ ފަރާތުން ބަޔަކު ކައުންސިލާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ރަށުގައި ބާއްވަނީ ސަރުކާރުގެ ރަސްމީ ހަރަކާތެއް ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް ހައިޝަމް ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކާއި އެމްޕީއެލްގެ ބޭފުޅުންތަކެއް އަޅުގަނޑުމެންނާ ރޭ ބައްދަލު ކުރި، އެބޭފުޅުން ބުނީ ރަށުގައި ކުރިޔަށް ދާ ލޮރީ ބުރަކީ ސަރުކާރުގެ ރަސްމީ މަސައްކަތެއް ކަމަށް، ދެން މަގުތަކުގައި އެ ބޭފުޅުން ބާއްވާ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް،" ހައިޝަމް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މަގުތަކުގައި އަޑުގަދަ ކުރާ އިން އިއުލާން ކުރި އިރު ވެސް ބުނީ މިއަދު ބާއްވާ ސަރުކާރުގެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިވުން އެދޭ ކަމަށެވެ. އަދި ލޮރީ ބުރުގައި ބައިވެރިން ބޭނުން ކުރަނީ ވެސް ގައުމީ ދިދަތަކެވެ. އަދި ސަރުކާރުގެ މުއައްޒިފުންގެ ހާޒިރީ ބަލާގޮތަށް އެ ހަރަކާތަށް ދިޔުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެކަމާ ގުޅިގެން "އަަވަސް" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކުޅުދުއްފުށީގައި އަދި ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ދާނީ ޕީޕީއެމްގެ ހަރަކާތެއް ކަމަށެވެ. ނަމަވެސް ރަށްރަށުގައި އެ ހަރަކާތުގައި ބައިވެރިވުމަށް ގޮވާލަނީ ކިހިނެތް ކަމެއް އެނގިފައި ނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އެއްވެސް ފަރާތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް މަޖުބޫރު ނުކުރުވާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއާ އެކު އެ ރައްޔިތުން ތިބިކަން ދައްކާލުމަށް ބާއްވާ ޕީޕީއެމްގެ ހަރަކާތެއް، އެއްވެސް ފަރާތަކަށް ބައިވެރިވާކަށް މަޖުބޫރެއް ނުކުރަން،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމްއިން ކުރިޔަށް ދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު އެވެ. އަދި އިރުއޮއްސި 6:00 ގައި ނިންމާލާ އިރު މިރޭ ވެސް ބައެއް ހަރުގެތަކުގައި ޖަލްސާތައް ކުރިޔަށް ދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.